ރާއްޖޭގެ އިގުތިސާދު ކުރިން އޮތް ގޮތަށް ބަދަލުކޮށް ކުރިން ރާއްޖޭގައި ޑޮލަރުގެ އަގު ހުރި ރޭޓަށް ދަށްކުރާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރޭ ހއ. ދިއްދޫގައި ބޭއްވި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ކުރިން ހުރި ވަރަށް ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ބުނުމުން އެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
އަދި މި އިގްތިސޯދު ކުރިން އޮތް ގޮތަށް ގެނެސް ދޭނެ ކަމަށާއި މި އިގްތިސޯދު ބަދަލުކުރުމުގެ ވިސްނުމާއި ހިކުމަތް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓްގެ އެބަ ހުރި ކަމަށް ސައީދު ވިދާޅުވިއެވެ.
“ ޕީޕީއެމް ޕީއެންސީ ކަމަކަށް ނުކުތީމަ ދިވެހި ލޮބުވެތި ރައްޔިތުން ޒުވާނުން ޝައްކު ނުކުރައްވާ. 2023 ވަނަ އަހަރަކީ ތި ބޭފުޅުންގެ އަހަރެއް. 2023 އަކީ ދިވެހީންގެ އަހަރު “ ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ކޮންމެ ނާމާން ކަމަކާއެކު އުއްމީދެއް އަންނާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރާއްޖެ ކުރިން އޮތް ތަނަށް އަލުން ރުޖޫއަ ކުރުމަށްޓަކައި ކުރަން ޖެހުނު ހުރިހާ މަަސައްކަތެއް ރެއާއި ދުވާލު ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.



