މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ބަހާނެ އެއްޗެއް ރައީސް ސާލިހަށް ލިބުނީވެސް ރައީސް ޔާމީނުގެ ޒައާމަތުގައި ހަރުމުދާ އުފެއްދުމުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދ ކުޑަހުވަދޫގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ރައްޔިތުން ބިންވެރި ކުރުވަން ރައީސް ޔާމީނު ހުޅުމާލެ ފޭސް ދެއެއް ހިއްކަން ފެށުމުން އޭރު އެމްޑީޕީން ކުރީ ޖެއްސުން ކަމަށެވެ. އަދި ބެންކުތަކުން ލޯނު ނަގާފާނެތީ ރާއްޖެއަށް ލޯނުނުލިބޭނެ މަގުތައް ހޯދަން ބޭރުގެ ގައުމުތަކުގައި ތިބެގެން އެތައް މަސައްކަތެއް ކުރުމުންވެސް ރައީސް ޔާމީންގެ މިންނެތް މަސައްކަތުން ހުޅުމާލެ ހިއްކާ އެތައް ގުނައަކަށް ބޮޑު ކުރީ ކަމަށް ސައީދު ވިދާޅުވިއެވެ.
“ ތިބޭފުޅުން ނިކަން ބައްލަވާ މިއީވެެސް އިބުރަތެކޭ. ރައީސް ޔާމީން ހަރުމުދާ އުފެއްދުމުން އިންތިހާބެއް ބޯމަތިވުމުން ބަހާލާނެ އެއްޗެއްވެސް މި ލިބުނީ ރައީސް ޔާމީން ކޮށްފައިވާ މަސައްކަތުން. މިކަންކަމުން ނޫންތޯ އަހަރުމެން އިބުރަތް ހާސިލް ކުރަންވީ “ ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން އެންޑޯސްކޮށްފައިވާ ޑރ މުއިއްޒު އަކީ ބިން އުފައްދާނެ ގޮތް އެނގޭ ބިން އުފަން ކުރާނެ ގޮތް އެނގޭ އަދި އެކަމަށް ފައިސާ ހޯދާނެ ގޮތްވެސް އެނގޭ ކެންޑިޑޭޓު ކަމަށެވެ.
“ ޑރ މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި ރާއްޖެއަށް ގެނެސްދެއްވި ތަރައްގީ ވަނީ ފެނިފައި. އެހެންވީމާ ތިބޭފުޅުން ޔަގީން ކުރައްވާ ޑރ މުއިއްޒު އަކީ ވަރަށް ގާބިލް ބޭފުޅެއް. ކޮންމެ ބޭފުޅަކުވެސް ފާހަގަޖަހަންވީ ނަމްބަރު ހަތަރަކަށް “ ސައީދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި މިހާރު އޮތް ނާމާން ކަމަށް ނިމުމެއް ގެނުވާނެ ކެންޑިޑޭޓަކީ ޑރ މުއިއްޒު ކަމަށް ސައީދު ވިދާޅުވިއެވެ.



