ގުރައިދޫ ދާއިރާގައި ހިމެނޭ، ގުރައިދޫ، މާފުށި އަދި ގުޅީގެ ބިން އިތުރަށް ހިއްކަވާނެކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފިއެވެ.
ގުރައިދޫ ދާއިރާގެ ތިން ރަށަށް ޚާއްސަކޮށް ބޭއްވި ޖަލްސާގައި ވާހަކަދައްވަަމުން ޑރ.މުޢިއްޒި ވިދާޅުވީ މި ސަރުކާރުން މި ތިން ރަށުގެ ބިން ހިއްކުންވެސް ކުރިއަށްގެންދިޔައީ ރައްޔިތުންނާއި މަޝްވަރާނުކޮށްކަމަށްވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާކަމަށެވެ.



އެހެންކަމުން ތިން ރަށުގެ ބިން އިތުރަށް ހިއްކަވާ ރައްޔިތުންނަށް އެންމެ މަންފާ ބޮޑުވާނެގޮތަށް ބިން ބޭނުންކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.
އަދި ކައުންސިލްގެ ބިންތައް ދޫކޮށްގެން ކުރާ ވިޔަފާރިތަކުން ލިބޭ ބިމު ކުލީގެ %100 އިންސައްތައަކީ ކައުންސިލްގެ އެއްޗެއްކަން ކަށަވަރުކޮށްދެއްވާނެކަމަށެވެ. އަދި ބައެއް ރަށަރަށުގައި ކައުންސިލް ބިންތަކަށް ލިބެންޖެހޭ މަންފާ، މަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ގެއްލޭކަމުގެ ޝަކުވާ ލިބެމުންދާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
އަތޮޅުތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މުޢިއްޒު މިހާތަނަށް ވަނީ 7 އަތޮޅަކަށް ވަޑައިގެންފައެވެ. އެއީ ހއ، ހދ، ވ، މ، ފ، ދ އަދި ކ އަތޮޅުގެ ރަށްތަކަށެވެ.



