ވައުދެއް ފުއްދޭނެ ގޮތެއް ނޭންގިތިބެ ވައުދު ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިރޭ އެމަނިކުފާނުގެ މެނިފެސްޓޯ އިފްތިތާހު ކުރައްވަމުން ޑރ މުއިއްޒު ވިދާޅުވީ މެނިފެސްޓޯގެ ފަހަތުގައި ލިޔެފައި ހުރި ކަންކަން ލިޔެވިފައި ވާނީ، ފަންނީ ދިރާސާ ކުރެވި އެ ކަންކަން ހާސިލުކުރަން ކުރެވޭނެ އެތައް ކަންތައްތަކެއް ބަލައިގެން ކަމަށެވެ.
19 ޗެޕްޓަރުގެ މައްޗަށް ހިމެނޭ މެނިފެސްޓޯއެއް އިއުލާން ކުރިއިރު ޕްރިންޓްކޮށްގެން ރައްޔިތުންނާ ހަމައަށް މެނިފެސްޓޯ ގެނެސްދެވޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ ވަރަށް ގިނަ މައްސަލަތައް ގައުމުގައި އެބަހުރި. އެ މައްސަލަތައް ހައްލުކުރުމަށް ގިނަ ކަންތައްތަކެއް އެބަހުރި. ހުރިހާ ކަމެއް ވެސް ގުޅެނީ އެންމެ މައްސަލައަކާ. އެ ހުރިހާ ވާހަކައެއް ބަޔާންކުރަން ޖެހުނު ގެދޮރުވެރިކަމުގެ ޗެޕްޓަރު. ގެދޮރުވެރިކަން ހައްލުވުމުން ދިވެހި ރައްޔިތުންނަށް ދިމާވެފައި ހުރި ގިނަ މައްސަލަތައް ހައްލުވެގެން ދާނީ،” ޑރ މުއިއްޒު ވިދާޅުވިއެވެ.
ޑރ މުއިއްޒު ވިދާޅުވީ ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ހަމަހަމަކަމާއެކު އެ ނީޑް އޮތް ކަމަށާއި އެއީ ރައީސް ޔާމީން 2018ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު އިއުލާންކުރެއްވި ޓޯޓަލް ސޮލިއުޝަން ކަމަށެވެ.



