ރިޔާސީ އިންތިހާބުގެ ވޯޓަށް 18 ދުވަހަށް ވެފައިވާއިރު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ކަށިން ހިތްވަރު ނެރެ ކެމްޕެއިނުގެ މަސައްކަތް ފަސް ގުނަ މައްޗަށް ޖެއްސުމަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
މުއިއްޒު މިކަމަށް އެދިވަޑައިގަތީ އައްޑޫ ސިޓީގެ މަރަދޫ-ފޭދޫގެ ޖަގަހަ ހުޅުވައްދެއްވައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ސަޕޯޓަރުން ޖޯޝާއި ފޯރީގައި ކުރާ މަސައްކަތުން މަރަދޫ ފޭދޫއިން ވަރަށް ރަނގަޅު ނަތީޖާއެއް ނެރެދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އިންތިހާބަށް ބާކީ އޮތީ 18 ދުވަސްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކެމްޕެއިނަށް ކުރާ މަސައްކަތް މިހާރަށްވުރެ ހަތަރު ފަސް ގުނަ މައްޗައް ގެންގޮސް އެންމެން ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އަދި މުއިއްޒު ވިދާޅުވީ، އާބާދީ ބޮޑު މި ރަށްތަކުން އިދިކޮޅަށް އޮތް ތާއީދު ފެނިގެން ދަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީ ގަބޫލު ކުރާތީ ކަމަށެވެ. އެކަން އަލުން ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމަށް އޮތް ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ގޮވާލައި މުއިއްޒު ވިދާޅުވީ ތަރައްގީ ގެނެވޭނީ ތަރައްގީ ދަންނަ، އެކަން މީގެ ކުރިން ތަންފީޒު ކުރި ބަޔަކަށް ކަމަށެވެ.



ބައެއް ސިޔާސަތުތަައް ހާމަކުރައްވައި މުއިއްޒު ވިިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުން ރަނގަޅު ފައިދާއަކާއި މަންފާ ލިބޭނެ މަގު ހަމަޖެއްސުމުގެ މެނިފެސްޓޯއެއް އެބައޮތް ކަމަށެވެ. އެކަމުގެ ތަފްސީލީ ހުރިހާ ވާހަކައެއް ހިމެނޭ ރިޕޯޓެއް މި ހަފްތާގެ ތެރޭގައި އާންމު ކުރުމަށް ހަމަޖެހިފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ.



