މިލަންދޫގެ އަދި އެދާއިރާގެ ރައްޔިތުންގެ އުންމީދު ކަމުގައިވާ އެއަރޕޯޓު އެރަށުގައި އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ކޮށްދޭނެ ކަމަށް ޑރ މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ށ މިލަންދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ތަރައްގީގައި ކުރިއަރައި ދިއުމުގައި ދަތުރުފަތުރުގެ ނިޒާމަކީ އޭގެ ނަފާ ރަނގަޅު ގޮތުގައި ބައްޓަންކުރެވިއްޖެނަމަ ރައްޔިތުންނަށް ވަރަށް ކުރިއެރުން ލިބޭނޭ ކަމެއް ކަމަށެވެ.
އެހެންވީމަ އެވިސްނުމުން ވިސްނާ އިރުގައި، މިލަންދޫ އަދި ކައިރި ރަށްރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ އެއަރޕޯޓު ކަމަށް ވުމުން ފުރުސަތު ދީފިނަމަ އެކަން ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ކައިރި އަތޮޅުތައްވެސް ހިމެނޭ ގޮތަށް ށ އަތޮޅުގައި ޓޫރިޒަމް އެނދުތައް އިތުރުކުރެވި ޓޫރިޒަމްގެ ދާއިރާގައި ކުރިއަރައިދާ އަތޮޅަކަށް އެ އަތޮޅު ހެދުމަކީ އިޤްތިޞާދީ ސިޔާސަތުގައި ވަރަށް އިސްކަން ދޭނެ ކަމެއް ކަމަށްވެސް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ވިދާޅުވިއެވެ.
“ މި ރަށުގެ ރައްޔިތުން ދައްކައިދޭ ތަނެއްގައި ރަށުގެ އެންމެ ގިނަ މީހުންނަށް ދެވޭ ހިސާބެއްގައި ރީތި ރަނގަޅު ފެންވަރުގެ ޒަމާނީ އިސްލާމީ މަރުކަޒެއް ޤާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް” މުއިއްޒު ވިދާޅުވިއެވެ.



