ރައްޔިތަކު ހެދުން އަޅާ ގޮތަކުން ވަޒީފާ އަދި ހިދުމަތެއް ދިނުމުގައިވެސް ތަފާތެއް ނުގެން ގުޅޭނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކެމްޕެއިން ދަތުރުފުޅުގައި ނ އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ މަނަދޫގައި ރައްޔިތުންނަާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ރައްޔިތަކު ހެދުން އެ އަޅާ ގޮތް ދީނާ ޚިލާފު ނޫންގޮތަކަށް ދީނުގައި އޮންނަ ހަމަތަކުގެ މަތިން ކޮންމެ ގޮތަކަށް ހެދުން އެޅިޔަސް ސްކޫލުގެ ވަޒީފާ ދިނުން ކަމުގައި ވީނަމަވެސް އެހެންތަނެއްގައި ވަޒީފާ ދިން ކަމުގައި ނަމަވެސް ތަފާތު ކުރެވިގެން ނުވާނެ ކަމަށެވެ.
ގާނޫނުގައި ހިމަނައިގެން ވިޔަސް، އެމީހަކު ހެދުން އަޅާ ގޮތަކީ ދީނާ ހިލާފު ގޮތެއް ނޫންނަމަ ކުރާ ތަފާތުތައް ނައްތާލަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
“އެ ރައްޔިތަކު ހެދުން އަޅާ ގޮތް އެއީ ދީނާ ހިލާފު ނޫން ގޮތަކަށް ދީނުގައި އޮންނަ ހަމަތަކުގެ މަތިން ކޮންމެ ގޮތަކަށް ހެދުން އެޅިޔަސް، ސްކޫލުގައި ވަޒީފާ ދިނުން ކަމުގައިވިޔަސް، އެހެން ތަނެއްގައި ވަޒީފާ ދިނުން ކަމުގައި ވިޔަސް ތަފާތު ކުރެވިގެން ނުވާނެ،” ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލްގެ ވަޒީފާތަކުގައި ވެސް މޫނު ބުރުގާ އެޅި ފަރާތްތަކާއި އެހެން ފަރާތްތައް ތަފާތު ނުކުރާ ކަން މާލޭގެ މޭޔަރުކަން ވެސް ކުރައްވާ ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ.



