ވަޒީފާގައި އުޅެނިކޮށް 55 އަހަތުވުމުން ރިޓަޔަރ ކުރަން ބޭނުންވާ ކޮންމެ މީހަކަށް ހާއްސަ އެލަވަންސެއް ތައާރަފު ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގދ ތިނަދޫގައި ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ 55 އަހަރާއި 65 އަހަރާއި ދެމެދުގެ ޢުމުރުފުރައިގައި ތިބި މީހުންގެ ތެރެއިން 55 އަހަރުގައި ރިޓަޔަރ ކުރަން ބޭނުންވާ ފަރާތްތަކަށް 65 އަހަރާއި ހަމައަށް ދަންދެކަށް ނިޒާމުގެ ތެރެއިން އެލަވަންސެއް ކަނޑައަޅައި ތަޢާރަފްކޮށް އެލަވަންސެއް ދޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ސަމާލްކަން ނުދޭތީ އެކަމާ އެމީހުން ކަންބޮޑުވާ ކަމަށެވެ. މިހާރު އޮންނަ ގޮތުން އެމީހެއްގެ ޕެންޝަން އެކައުންޓްގައި 10،000ރ. ޖަމާވެފައި ނެތިއްޔާ އެ އުމުރުގައި ރިޓަޔާކޮށްގެން އެއްޗެއް ނުލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.



“65 އަހަރުވެގެން ލިބޭ އެއްޗެއް ލިބޭނީ. ދެން ލިބޭ 5،000ރ. އެހެންވީމަ 55 އަހަރާއި 65 އަހަރާ ދޭތެރޭގައި ލިބޭ އެއްޗެއް ނެތް،” މުއިއްޒު ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީން އޯގާތެރި ވެރިކަމެއް ގެންނަން އުޅޭ އިރު، 55 އަހަރާއި 65 އަހަރާ ދޭތެރޭގެ މީހުން ރިޓަޔާ ކުރީމަ، އެލަވަންސެއް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.



