އެމްއެމްއޭއިން ފައިސާޗާޕުކޮށްގެން ސަރުކާރުގެ ހަރަދު ބެލެހެއްޓުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އިންފްލޭޝަން ރޭޓް އިންތިހާއަށް ބޮޑުވެގެެންދާ ދިއުން ހަމައަކަށް އަޅުވަންޖެހޭ ކަމަށާއި އެކްސްޗޭންޖް ރޭޓް ވަކި ވަރަކަށް ލިމިޓް ކުރާނެ ކަމަށެވެ.

އިގްތިސާދު ކުރިއަރައިގެންދާ އިގްތިސާދަކަށް ހެދޭނީ އިގްތިސާދުގެ މައިގަނޑު އަސާސްތައް ރަނގަޅުކޮށްގެން ކަމަށާއި އަދި ޕީޕީއެމް/ޕީއެންސީ ސަރުކާރެއްގައި އެކަން ރަނގަޅު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
“އެކްސްޗޭންޖް ރޭޓް ވަކިން ކޮންޓްރޯލްއެއްގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ. އޭރުން އިގްތިސާދު ރަނގަޅު ވާނެ، އިންވެސްޓަރުންނަށް ކޮންފިޑެންސް ލިބޭނެ. މަސްވެރިކަމުގެ ސިނާއަތު ކުރިއެރުން ލިބޭނެ. މައި އެއާޕޯޓު ނިމުމަކީ އެންމެ މުހިންމު އެއް ކަންތައް.” ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ހިންގަމުން އަންނަ މަޝްރޫއަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވިއެވެ.
އަދި ދަރަނި ދެމެހެއްޓެނިވި ލެވެލް އަކަށް ތިރިކުރާނެ ކަމަށާއި ޓެކްސް ބޭސް ފުޅާކުރާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
“ އިތުރު ރިސޯޓްތައް ހުޅުވާ އާމުދަނީ ލިބޭނެ މަގުތައް އަޅުގަނޑުމެން ތަނަވަސް ކުރާނަން “ މުއިއްޒު ވިދާޅުވިއެވެ.



