އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލަި 5600 ރުފިޔާ އަށް ކުޑަކޮށްދޭނެ ކަމަށް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް ދެއެއްގައި ހަދާފައިހުރި ހިޔާ ފްލެޓްތަކުގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރާނެ ކަމަށް ސަރުކާރުން ބުނީ “ކަޑަޖަހާ އުސޫލުން” ކަމަށާއި އޭނާގެ ވެރިކަމެއްގައި، ކުރީގެ ސަރުކާރުން އަސްލު ނަގަން ނިންމި އަގަށް ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމަށެވެ.
އަދި ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު އެއް ލިފުޓު ބަހައްޓައި ދޭނެ ކަމަށާއި މިއީ އިންޖިނިއަރިންގެ ގޮތުން ބަލައި ހުރިހާ ގޮތަކުންވެސް ކުރެވެން ހުރި ކަމެއް ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.




އިތުރަށް ޑރ މުއިއްޒު ވަނީ ވިނަރެސް ފްލެޓުތަކުގެ ކުލިވެސް އެ މަޝްރޫއުގެ ފައިނޭންސް ކޯސްޓާއި އިންޓްރެސްޓު ކަވަރު ކުރެވޭ ވަރަށް މިހާރަށްވުރެ ކުލި ކުޑަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން އަތޮޅުތެރޭގައި އަޅާފައިވާ ފްލެޓުތަކުގެ ކުލި ކުޑަކުރާނެކަން ތަކުރާރުކުރެއްވި އެވެ.
“ވިނަރެސް ފްލެޓުތަކުންވެސް މާ ކުޑަ އަގެއް ނެގޭނެ. މަހުން މަހަށް ދައްކާ އަގު ކުޑަކޮށްދޭނަން. ބޭންކު ލޯނު ނަގައިގެން ވިނަރެސް ފްލެޓު ގަނެފައި ތިބި ފަރާތްތަކަށްވެސް ބޭންކާ ވާހަކަދައްކައިގެން ރަނގަޅު ގޮތެއް ހޯދައިދޭނަން،” ޑރ. މުއިއްޒު ވިދާޅުވި އެވެ.
“ އިގްތިސާދަށް ގެންނަންޖެހޭ ބުންވަރު ގެނެސް އިގުތިސާދަށް އިންވެސްޓަރުންގެ ކޮންފިޑެންސް ހޯދައި އަޅުގަނޑުމެންގެ ހަރަދު ބަރަދު ދެކޮޅު ޖައްސައި އިންފްލޭޝަން ރޭޓު ކޮންޓްރޯލްކޮށް މިހުރިހާ ކަމެއްކޮށް ކަންކުރާނީ އަޅުގަނޑުމެން. ހުސްވައުދެއް ނުވާނަން އަޅުގަނޑުމެންނެއް” މުއިއްޒު ވިދާޅުވިއެވެ.




