ކޮންމެ ޕާޓީ އެއްގައި ހުއްޓަސް ގައުމު އިސްކޮށްގެން ދިވެހީންގެ ރާއްޖެ އަނބުރާ ހޯދުމަށް ވޯޓު ދެއްވަންޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންނަށް މިހާރު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވަނީ، ކޮންމެ ޕާޓީއެއްގައި ހުުރިކަމުގައިވިޔަސް، އޭނާއަށް ތާއިދު ކޮށްދެއްވާ އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި އޭނާއަށް އިތުބާރުކުރައްވާ އިންތިޚާބު ކޮށްދެއްވައިފިނަމަ މިނިވަންކަން ޔަގީންކޮށްދޭނެ ކަމަށާއި އެއަށްފަހު ޤައުމުގެ އިގްތިޞާދު މިނިވަންކޮށްދޭނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

“ މިއަދު ދަރަނިތައް މިއޮތީ ފުނިޖެހިފައި. މިހާރު ދަރަނީގެ ގޮތުގައި 114 ބިލިއަން ދިވެހި ރުފިޔާ ވަނީ އަރާފައި. ކުންފުނިތަކުގެ ދަރަނި ލައިފިނަމަ 146 ބިލިއަން ދިވެހި ރުފިޔާ. މީގެ ދެބައި ކުޅަ އެއްބަޔަކީ ވަކި ޤައުމަކުން އެކަނި ނަގާފައިވާ ދަރަނި. އަޅުވެތި ވާނީ މިވަރަށް “ ޑރ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ތަރައްޤީ ގެނެވޭނެ ކަމަށާއި، ނަމަވެސް މުހިންމީ މިނިވަންކަން ކަމަށް އަބަދުވެސް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.
އެގޮތުން މުއިއްޒު ވަނީ ހުޅުދޫމީދޫ އާއި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ގުޅުވާދޭ ބްރިޖް އަވަސް ސްޕީޑެއްގައި ނިންމަވައިދެއްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ. މި ސަރުކާރުން ސިނަމާލެ ބްރިޖް ނިންމުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތް ނިމިފައިނުވާތީ އެކަމަށް ޑރ. މުޢިއްޒު ވަނީ ފާޑު ވިދާޅުވެފައެވެ.



