ލިޔުނީ: މުހައްމަދު މުޒައްފަރު
މިހާރު ފެށިގެން ކުރިއަށްދާ، އިޒްރޭލޭ ކިޔޭ ޣައިރުޤާނޫނީ ދަޢުލަތާއި އެމެރިކާ އަދި މުޅި ދުނިޔެ ސިއްސުވާލި، އަލްއަޤްޞާ ތޫފާން ހަނގުރާމައިގެ އެންމެ އިސް ރޭވުންތެރިޔާ، އަދި އެންމެ އިސް ކޮމާންޑަރު މުޙައްމަދު ޟައިފާ ބެހޭގޮތުން ޢާންމުންނަށް އެނގިފައިވަނީ ވަރަށް ކުޑަ މިންވަރެކެވެ.
ވަކި މީހަކު ޝަހީދުކޮށްލުމަށް މިހާތަނަށް އިޒްރޭލުން ހިންގި އެންމެ ގިނަ ޙަމަލާތައް ދީފައިވާ އެއް ބޭފުޅަކީ އެއީއެވެ. މީގެ 20 އަހަރު ކުރިން ދިން ޙަމަލާއެއްގައި ޝަހީދު ނުވީ ހަމަ ކިރިޔާއެވެ. އެ ޙަމަލާގައި ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގަތެވެ. އެހެން ޙަމަލާއެއްގައި އެއް ލޮލުގެ ފެނުން ގެއްލިވަޑައިގަތެވެ. 2014 ވަނަ އަހަރު ޢާއިލާއާއި އެއްކޮށް ޝަހީދުކޮށްލުމަށް ދަންވަރު ގެކޮޅަށް ދިން މިސައިލް ޙަމަލާއެއްގައި އަނބިކަނބަލުންނާއި ތުއްޕުޅު ދަރިކަލެއް ޝަހީދުކޮށްލިއެވެ. ކޮމާންޑަރ ޟައިފް އެވަގުތު ގެކޮޅުގައި ނެތުމުން ސަލާމަތްވީއެވެ. އެހެން ޙަމަލާއެއްގައި 3 އަހަރުގެ ދަރިކަނބަލެއް ޝަހީދުކޮށްލިއެވެ.
އާދައިގެ ބަޑި ހިފައިގެން އުޅުނު މުޖާހިދުން ފުރަތަމަ ޤައްސާމް ރޮކެޓު އުފެއްދުމުގައި ޑިޒައިން ކުރުމާއި ފަންނީ އެހެނިހެން ކަންކަމުގައި އެންމެ ބޮޑު ރޯލެއް ކުޅުއްވީ ޟައިފެވެ. އަދި ޙަމާސްގެ ބިންގަރާސް މަގުތަކުގެ ބިޔަ، ނުރައްކާ ވިޔުގަ ފަރުމާކޮށް، ޙަޤީޤަތަކަށް ހެދުމުގެ މޭސްތިރިއަކީވެސް ޟައިފް ކަމުގައި ބުނެވެއެވެ.
ޟައިފްގެ ނަން ދެވުނީ ޖެހިޖެހިގެން ދެ ރޭ އެއްތަނެއްގައި ނުހުންނަވާތީ ކަމަށް ބުނެވެއެވެ. އިޒްރޭލުން ޟައިފަށް އަމާޒުކޮށް ހިންގާ ޤަތުލުކޮށްލުމުގެ އޮޕަރޭޝަންތަކާ ހެދި އިތުރު ގޮތެއް ނޯވެއެވެ.
އިޒްރޭލުން ދުނިޔެއިން ފޮހެލަން ބޭނުންވާ ލިސްޓުގެ އެންމެ ކުރީގައި އޮތް އެއް ނަންފުޅަކީ މުޙައްމަދު ޟައިފެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަލްޤައްސާމް ބްރިގޭޑްސްގެ އިސް ކޮމާންޑަރަށް ސާބިތުކަން ދެއްވައި، ރައްކާތެރިކުރައްވާށިއެވެ.
މަސްދަރު: ދަ ޓެލެގްރާފް، އަލްޖަޒީރާ



