އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނަންފުޅުގައި ފޭކު އެސްއެމްއެސް ތަކެއް ދައުރު ކުރާތީ ޕްރޮގްރެސިވް ކޮންގްރެސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި އެ މަނިކުފާނުގެ މޮބައިލް ނަންބަރުން ދައުރު ކުރަމުންދާ ތަފާތު އެކިއެކި އެސްއެމްއެސްތަކަކީ ޙަޤީޤަތާ ޚިލާފު ފޭކް އެސްއެމްއެސްތަކެއް ކަމަށެވެ.
އަދި އެ ކަން ކުރަނީ ކޮންމެ ފަރާތަކުން ނަމަވެސް، މި ފަދަ ނާތަހުޒީބު ޢަމަލުތައް ނުކުރުމަށާއި، އެ ފަދަ މެސެޖެއް ލިބިވަޑައިގެންނެވި ނަމަވެސް އެއަށް ޢަމަލު ނުކުރުމަށް އެ ކޯލިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.
“ މި ކަން ކުރަނީ ކޮންމެ ފަރާތަކުން ނަމަވެސް، މި ފަދަ ނާތަހުޒީބު ޢަމަލުތައް ނުކުރުމަށާއި، އެ ފަދަ މެސެޖެއް ލިބިވަޑައިގެންނެވި ނަމަވެސް އެއަށް ޢަމަލު ނުކުރުމަށް ނަސޭހަތްތެރިވަމެވެ. ނާތަހުޒީބު ފިނޑި މި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ” އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކޯލިޝަނުން ވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ދައުރުކުރަމުންދާ އެސްއެމްއެސްތަކުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވައި އެ ކަން ހުއްޓުވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވައިލާފައެވެ.