އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ ގައްޒާގައި ހިންގަމުންދާ ގަތުލު އާއްމުގައި ނިމުނު 24 ގަޑިއިރުތެރޭ 400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޝަހީދުކޮށްލި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނެވެ.
ޔަހޫދީ އިސްރާއީލުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ދެމުންދާ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހޮސްޕިޓަލްތަކާއި އާއްމުން ގިނައިން އެއްވެ އުޅޭ ތަންތަނަށެވެ.
އެގޮތުން ހުއްޓުމެއްނެތި ދެމުންދާ މިހަމަލާތަކުގެ މިހާރުވެސް ވަނީ ގައްޒާގެ 10 ހޮސްޕިޓަލެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
ޔަހޫދީން ދެމުންދާ ހަމަލާތަކުގައި މިހާރުވެސް ގައްޒާގެ 5000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެތެރޭގައި ހާހަކަަށްވުރެ ގިނަ ކުޑަކުދިން ވެސް ހިމެނެއެވެ.
މީގެއިތުރުން މިހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 16،000 އަށްވުރެ މަތިވެފައެވެ. ނަމަވެސް ހޮސްޕިޓަލްތަކުގައި ފަރުވާދޭނެ އާލާތްތައް ހުސްވަމުންދާތީ އިތުރު ބައެއްގެ ފުރާނަ ގެއްލިދާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ.



