ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ ފޭސް ދެއެއްގައި ކުރިއަށް ގެންދާ ފްލެޓްތަކުގެ މަސައްކަތްތަކުގެ ތަފުސީލް ހޯދާ ކޮންޓްރެކްޓަރުންނާއި ބައްދަލު ކުރުމަށް މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ސައިޓްތަކަށް ވަޑައިގެންފިއެވެ.
އެފްޑީސީގެ އެމްޑީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި ހުރި ހައުސިން ސައިޓްތަކަށް ޒިޔާރަތްކޮށް މިއަދު ކޮންޓްރެކްޓަރުންނާއި ބައްދަލުކޮށްފައިވާ ކަމަށެވެ.
އަދި މިހާރު ކުރަމުންދާ މަސައްކަތަކީ އެކަމައިގެން ކުރިއަށްދާނެ މަގުތައް ހޯދުން ކަމަށާއި ތާވަލުގެ ކުރިން ފްލެޓްތަކުގެ މަސައްކަތް ނިންމާ އަވަސްކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ 32 ޓަވަރުގައި 4،000 ފްލެޓު ދަނީ އަޅަމުންނެވެ. ކުރީގެ ރައީސް ސާލިހުގެ ސަރުކާރުން އަމާޒުހިފީ މިއަހަރުގެ އޮގަސްޓަށް މީހުންނަށް ދިރިއުޅެވޭ ވަރަށް އޭގެ ތެރެއިން 13 ޓަވަރެއް ނިންމާށެވެ. ނަމަވެސް ސާލިހުގެ ރިޔާސީ ދައުރު ނިމުނު އިރުވެސް މި ޕްރޮޖެކްޓުގައި ހިމެނޭ އެއްވެސް ފްލެޓެއް ނިންމާލެވިފައެއް ނުވެއެވެ.



