ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ހާމަކުރައްވަން ނިންމަވައިފިއެވެ.
އެގޮތުން ރައީސް އޮފީހުން ބުނީ ރައީސްގެ ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ދަތުރުފުޅުގެ ތަފުސީލު ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައިވާ ކަމަށެވެ.
ނިމިދިޔަ ސަރުކާރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ބައެއް ނޫސްތަކުން ހުށަހެޅުމުން އެއިން ބައެއް މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައިނުވެއެވެ.
ރައީސް ޑރ.މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ވައުދުވެވަޑައިގެންފައިވަނީ އެއްވެސް ކަމެއް ސިއްރުނުކުރައްވައި، ހާމަކަންބޮޑު ސަރުކާރެއް ހިންގެވުމަށެވެ. އަދި އިސްވެ ކަންކަން ރައްޔިތުންނަށް ބަޔާންކޮށްދެއްވުމުގެ ސިޔާސަތެއް ގެންގުޅުއްވަން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވެއެވެ.



