ލިޔުނީ: މަރްޔަމް އަދީލާ
ޣައްޒާގައި ވަގުތުން އިންސާނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޔޫއެންއެސްސީން މިދިޔަ ހުކުރު ދުވަހު ފާސްކުރި ގަރާރު ވީޓޯ ކުރުމުން ދުނިޔޭގެ ލީޑަރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ފާޑުކިޔުން އެމެރިކާއަށް ވަނީ އަމާޒުވެފަ އެވެ.
އުތުރު ކޮރެއާގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް އިންޓަނޭޝަނަލް އޯގަނައިޒޭޝަންސް، ފޮރިން އެފެއާޒް ކިމް ސަން-ކިއުންގް ވިދާޅުވީ މެދުއިރުމަތީގައި ވީހާވެސް އަވަހަކަށް ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރަމުން އަންނަ މަސައްކަތް، ދާއިމީ ކައުންސިލްގެ ޔާވެރިކަމުގެ ސަބަބުން އަނެއްކާވެސް އަނިޔާވެރިގޮތެއްގައި ފުނޑުފުނޑުކޮށްލާފައިވާ ކަމަށެވެ. އަދި އެކަމާއި އަޑުއުފުލައި، ހިތާމަކޮށް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަށް ނުކެރޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ސަން-ކިއުންގް ވަނީ ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމަށް ހުރަހަކަށް ވެފައިވާ އެމެރިކާއަށް އދގެ ސަލާމަތީ މަޖިލީހުގެ ކަންކަން ދޫކޮށްލާ، ބައިނަލްއަގްވާމީ މުޖުތަމައުގެ އިއްތިފާގު ތަމްސީލުކުރާ އދގެ މަރުހަލާގައި ދެމިތިބުމުގެ ހައްގެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ އާންމުން މެރުމަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާގެ ރައީސަށް ލިބިދޭ ޚާއްސަ އިޚްތިޔާރުގެ ދަށުން، ޓޭންކުގައި ބޭނުންކުރާ އުންޑަ އިޒްރޭލަށް ވިއްކުމަށް އެމެރިކާ ސަރުކާރުން އިއްޔެ ވަނީ ނިންމާފަ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި ޣައްޒާ އަށް ދޭ ހަމަލާތަކުގައި އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިޒްރޭލަށް އަންގާފައިވާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނި ނަމަވެސް، އިޒްރޭލަށް ހަތިޔާރު ވިއްކުމުގައި އަމަލުކުރަނީ އެ ބުނުމާ ދިމާ އިދިކޮޅަށެވެ.
ސަން-ކިއުންގް ވިދާޅުވީ، އިސްރާއީލުން ދިން އަސްކަރީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސަރަހައްދު ލޭއޮހޮރުވާފައިވާ މޫދަކަށް އަދި އަލިފާނުގެ ތޮށިގަނޑަކަށް ބަދަލުވެފައިވާ ކަމަށެވެ.



