ޣައްޒާގެ ހާލަތު މިހާރު ދަނީ ވަރަށް ބޮޑަށް މާޔޫސްވެ ހަލަބޮލިވަމުން ކަމަށް އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމްގެ ޑެޕިއުޓީ ޗީފް ކާލް ސްކާއު ހަފުތާ ބަންދުގައި ކުރެއްވި ދަތުރުފުޅަށް ފަހު ބުރާސްފަތި ދުވަހު ނިއުޔޯކްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެއްޖެ އެވެ.
“އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ތިބީ ބަނޑުހައިހޫނުކަމުގެ ތެރޭގައި. ބިރުވެރި ހަގީގަތަކީ ކޮންމެ 10 މީހަކުން ނުވަ މީހަކަށް އެކަށީގެންވާ ވަރަށް ކާ އެއްޗެއްސެއް ނުލިބ،ޭ ކޮންމެ ދުވަހަކު ނުކައި ހުރުމާއި ދެން ކާން ލިބޭނެ ދުވަހެއް ވެސް ނޭނގޭ”
މީހުންގެ ލޮލުން ބިރުވެރިކަން ފެންނަކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ހިޔާތައް މުޅިން ތޮއްޖެހިފައި އޮތުމުން ގިނަ ބަޔަކަށް ދާނެ ތަނެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޢައްޒާގެ ރައްޔިތުންގެ މާޔޫސްކަމާއި ރުޅިވެރިކަން ވެސް ދަނީ އިތުރުވަމުން ކަމަށާއި ޑިސްޓްރިބިއުޝަން ސައިޓްތައް ވީހާވެސް ހަރުދަނާގޮތެއްގައި ހިންގަމުން ދިޔަ ނަމަވެސް ބަނޑުހައިހޫނު ޣައްޒާގެ ރައްޔިތުން ވީހާވެސް ގިނައިން ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާވަނީ ބުނެފަ އެވެ. އަދި އޭގެ ސަބަބުން އެ ހިސާބުގެ އަމަން އަމާންކަން ކެނޑިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.



