ޣައްޒާގެ މެދުތެރެއަށް އިސްރާއީލުން ދިން ޙަމަލާއެއްގައި 68 މީހުން ޝަހީދުވެފައިވާކަމަށް ޣައްޒާގެ ޞިއްޙީ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
އޭޕީ އިން ރިޕޯޓްކޮށްފައިވާގޮތުން އިރުމަތީގައި އޮންނަ މަޣާޒީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއަށް ފަހު ޝަހީދުވި ފަލަސްތީނުގެ މީހުންގެ ތެރޭގައި ތުއްތު ކުއްޖަކު މީހުން އުފުލާ މަންޒަރު ފެނިފަ އެވެ.
މަރުވި 68 މީހުންގެ ތެރޭގައި 12 އަންހެނުންނާއި ހަތް ކުޑަކުދިން ހިމެނޭކަމަށް ކަމަށް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ކުރިން ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ މަރުވި މީހުންގެ އަދަދަކީ 70 ކަމަށް ބުނެފައެވެ.
އަލްމަޣާޒީ ރެފިއުޖީ ކޭމްޕަކީ ޣައްޒާގެ މެދުގައި އެންމެ އާބާދީ ބޮޑު އެއް ސަރަހައްދެވެ. މިއީ އިސްރާއީލުގެ އަސްކަރިއްޔާއިން މީގެ ކުރިން ޣައްޒާގައި ތިބި ފަލަސްތީނު މީހުން ހުސްކުރުމަށް އަންގާފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ.
ރިޕޯޓްތައް ބުނާގޮތުން މިހަމަލާގައި ވެސް އެންމެ ގިނައިން މަރުވެފައިވަނީ އާންމުންގެ މީހުންނެވެ. އޭގެތެރޭގައި ދެ ހަފްތާ ނުވާ ތުއްތު ކުއްޖަކުވެސް ހިމެނެ އެވެ.
މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ބައެއް ސަރަހައްދުތައް ސުންނާފަތިވެ، ފަލަސްތީނުގެ ގާތްގަނޑަކަށް 20،400 މީހުން ޝަހީދުވެ، އެ ސަރަހައްދުގެ 2.3 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް އެންމެންގެ ވަނީ ގެދޮރު ގެއްލިފަ އެވެ.



