ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަންވީ ފިލާވަޅަކީ އެންމެން އެކުގައި އިސްލާމްދީނުގައި ސާބިތުވެތިބުމުގެ ފިލާވަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިސްލާމްދީނުގައި އެއްބައިވަންތަކަމާއެކު ތިބެވުމަކީ ދިވެހިންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެއްކަން ހަނދާން އައު ކޮށްދެއްވަމުން ބައިބައިވުމާއި އިސްލާމީ އަޚްވަންތަކަން ފުނޑުފުނޑުވެގެން ދިއުމަށް ފުރުޞަތު ނުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ދިވެހިންނަކީ އެއްދީނެއްގެ، އެއް ބަހަކުން ވާހަކަދައްކާ އެތައް ނަޞީބެއްގެ ވެރި ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އެއް އަކުރަކުން ލިޔެކިޔައި އުޅުމުގެ އުފާ. އެއް ސަގާފަތެއް ހިއްސާކުރުމާއި، އެއް ނަސްލަކުން ގުޅިފައި ވުމުގެ އަމާންކަން. ހަމަ އެހެންމެ، އެއްސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަން. ދިވެހީން އެއްބައިވަންތަކުރުވީ މި އެއްގޮތްވަންތަކަން. މީ އެއް ޤައުމެއް. އެއް ބައެއް” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސުނާމީ ކާރިސާގެ ތެރޭގައި އަދި އެ ކާރިސާއާ ގުޅިގެން އެކިރަށްރަށަށް ހިޖުރަކުރި މީހުންނަށް އެހީތެރިވުމުގައި ދިވެހިންނަކީ އެއްބައިވަންތަ އަދި އެއްބައެއްކަން ދައްކުވައިދިންކަމުގައި ވިދާޅުވިއެވެ.
“މި ހުރިހައި ކަމެއް ބުނެދެނީ ހަމަ އެންމެ ކަމެއް. އެއީ އަޅުގަނޑުމެން ދިވެހީންނަކީ އެއް ބަޔެއްކަން. އެއްބައިވަންތަކަމަކީ އަޅުގަނޑުމެން ދިވެހީންގެ ރަމްޒެއްކަން. އަޅުގަނޑުމެން ކުރިޔަށް ފިޔަވަޅު އަޅާނީ އެއްބައިވަންތަކަމުގެ ރޫޙުގައިކަން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއަށް އަދި ދިވެހިންނަށް ލިބިފައިވާ މި ނަސީބާއި ނިޢުމަތްތައް ދަމަހައްޓަންޖެހޭކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



