ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގަ ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިއްޔެ އިސްރާއީލުން ދިން ހަމަލާއެއްގައި ހަމާސްގެ ޑެޕިއުޓީ ލީޑަރު ޝަހީދުވެފައިވާ ކަމަށް ސަލާމަތީ އޮފިޝަލުން ބުނެފި އެވެ.
ސަލާމަތީ ދާއިރާގެ މަތީ ފަންތީގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކަށް ފަހު ހަމާސް ހަލާކުކޮށްލާނެ ކަމަށް ވައުދުވެފައިވާ އިސްރާއީލުން ދިން ހަމަލާގައި އޭނާގެ ބޮޑީގާޑުންނާ އެކު ސާލިހް އަލް އަރޫރީ ޝަހީދުކޮށްލާފައިވާ ކަމަށެވެ.
މި ހަމަލާ އަމާޒުކުރި އިމާރާތުގެ ދެ ފަންގިފިލާއާއި އެއް ކާރަށް ވަނީ ގެއްލުން ވެފައެވެ.. ލުބުނާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ ލުބުނާނުގެ އީރާނަށް ތާއީދުކުރާ ހިޒްބުالله ޖަމާއަތުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެއް ކަމަށްވާ ބެއިރޫތުގެ ދެކުނުގެ އަވަށްތަކުގައި ހުންނަ ހަމާސްގެ އޮފީހަކަށެވެ.
ހަމާސް ޓީވީން ވެސް ބުނެފައި ވަނީ އިޒްރޭލުން އަރޫރީ މަރާލީ ބެއިރޫތުގައި ކަމަށެވެ. އަދި ލުބުނާނުގެ މީޑިއާތަކުން ބުނީ މި ހަމަލާގައި ޖުމްލަ ހަ މީހަކު މަރުވެފައިވާ ކަމަށެވެ.
މި ހަމަލާގެ ސަބަބުން ގާތްގަނޑަކަށް ތިން މަސް ދުވަސްވެފައިވާ އިސްރާއީލާއި ހަމާސް ހަނގުރާމަ ހަލަބޮލިވެދާނެ ކަމުގެ ބިރު ބޮޑުވެ.



