އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެސް، ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް، ސިޑްސްގެ 4 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާދަމާ ފުރާވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މާދަމާ ބާބިއުޑާއަށް ފުރާވަޑައިގަންނަވާކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސް ޕާރސަން ހީނާ ވަލީދު އެވެ.
މިމަހުގެ 27 އިން 30އައަށް ކުރިއަށްދާ މި ކޮންފަރެންސްގައި ރައީސް ވާހަކަފުޅު ދައްކަވާނެކަމަށް ހީނާވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ކޮންފަރެންސްގެ ހަވާސާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ސިޑްސް ކޮންފަރެންސްގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވީ ކޮޕް 28 ސަމިޓްގައި ހަވާސާގައި އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ސިޑްސް ކޮންފަރެންސްގެ މިފަހަރުގެ ޝިއާރަކީ “ފާގަތިކަމާ ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުމެވެ”. މިއީ ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
މި ކޮންފަރެންސްގައި ރައީސް އާއެކު ފޮރިން މިނިސްޓަރ މޫސާ ޒަމީރާއި، އެންވަޔަރމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމާއި، ހައުސިން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ކްލައިމެޓް އެންވޯއީ ޢަލީ ޝަރީފާއި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދާއި އެމްބެސެޑަރ އެޓް ލާޖު ޑރ. ޢަލީ ނަޞީރު މުޙައްމަދުވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.



