ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މެންބަރުކަން ފަލަސްތީނަށް ލިބުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދޭން ނިންމާފައި ވަނީ ވޯލްޑް ހެލްތު އެސެމްބްލީގެ 77 ވަނަ ބައްދަލުވުމުގައެވެ. މިހުށަހެޅުމަށް ދުނިޔޭގެ 101 ގައުމަކުން ވޯޓު ދިންއިރު ރާއްޖެއިންވެސް ވޯޓުގައި ބައިވެރިވެ ފަލަސްތީނާއި އެއްކޮޅަށް ވޯޓު ދިނެވެ.
މިކަމާއި ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑަބްލިއުއެޗްއޯގެ މެންބަރުކަން ދިނުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ. އަދި އެ ގަރާރަށް ތާއީދުކޮށް ވޯޓުދިން 101 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ކުރަމުންދާ މަސައްކަތުގައި މިއީ ހެޔޮ ފާލެއް ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ގަބޫލު ކުރަނީ އަދި ތާއީދު ކުރަނީވެސް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދުނިޔޭގެ ހުރިހާ ޖަމިއްޔާތަކުވެސް ބަލައިގަތުމަށްކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން މި ނިންމުމަކީ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެ ގަރާރަކީ ރާއްޖެއިން ކޯ ސްޕޮންސާ ކުރި ގަރާރެއް ކަމަށެވެ. ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ދޭން ނިންމުމުން ހާމަވެގެން ދަނީ ފަލަސްތީނުގެ ހައްގުތައް ހޯދައިދިނުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ތާއީދުކުރާ ކަން ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
ދާދި ފަހުން ބައިނަލްއަގުވާމީ އެންމެ މަތީ ކޯޓުންވެސް ވަނީ އިޒްރާއީލުން ފަލަސްތީނާއި ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ އަނިޔާވެރި ހަމަލާތައް ހުއްޓައިލުމަށް އަމުރުކޮށްފަ އެވެ.



