ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ހީނާ ޚާން އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ މެދުގައި އެންމެ ގިނައިން ޖެހޭ އުރަމަތީގެ ކެންސަރު ޖެހިފައިވާ ކަމަށް ބުނެފިއެވެ.
އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ ކެންސަރު ތިންވަނަ ސްޓޭޖްގައި މިހާރު ހުރިއިރު، އޭނާގެ ފަރުވާ ފަށާފައިވާ ކަމަށެވެ.
“މި ޗެލެންޖިން ޑައިގްނޯސިސް އާ އެކު ވެސް އެންމެންނަށް ޔަގީންކަން ދޭން ބޭނުން ވަނީ އަހަރެންގެ ހާލު ރަނގަޅު ކަން. އަދި މި ބަލިން އަރައިގަތުމަށް ހަރުދަނާ، އަޒުމް ކަނޑައަޅައި، ފުރިހަމައަށް މަސައްކަތް ކުރާނެކަން،” އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އުރަމަތީގެ ކެންސަރަކީ އުރަމަތީގެ ޓިޝޫތަކުގައި މެލިގްނަންޓް (ކެންސަރު) ސެލްތައް އުފެދޭ ބައްޔެކެވެ. މިއީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ދިމާވެދާނެ ބައްޔެއް ނަމަވެސް އަންހެނުންގެ މެދުގައި މިކަން ވަރަށް ބޮޑަށް ފެތުރެއެވެ.
ހެލްތު އަޕްޑޭޓް ހިއްސާކުރިތާ އެއް ދުވަސް ފަހުން ހީނާ ޚާން އިންސްޓަގްރާމް ސްޓޯރީއެއް ޕޯސްޓްކޮށްފައިވާއިރު، އެ ސްޓޯރީގައި ލިޔެފައި ވަނީ “މި ދުވަސް އަދި ފާއިތުވާނެ” ކަމަށެވެ. އޭނާގެ ނޯޓާއެކު “ކަރް ހަރް މައިދާން ފަތޭހް” ލަވަ ވެސް އޭނާ ވަނީ ހިމަނައިފަ އެވެ.
މި ޙަބަރާއެކު ޓީވީ އިންޑަސްޓްރީގެ ހީނާ ޚާންގެ އެކުވެރިން ވަނީ ހީނާ އަށް އަވަސް ޝިފާއަކަށް އެދިފަ އެވެ. އަދި ބޮލީވުޑްގެ އެކްޓަރު އަދި ކެންސަރުން ދާދިފަހުން ސަލާމަތްވި މަހީމާ ޗައުދަރީ ވަނީ ބަތަލާއަށް މެސެޖެއް ހިއްސާކޮށްފަ އެވެ.
ހީނާ ޚާން އަކީ މަޝްހޫރު ޓީވީ ސިލްސިލާ “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” ގައި އަކްޝަރާގެ ރޯލުން ފެނިގެން ދިޔަ ބަތަލާއެކެވެ. އޭނާ ވަނީ ހަތުރޯން ކޭ ކިލާޅީ ސީޒަން 8 އަދި ބިގް ބޮސް 11 ފަދަ ޓީވީ ރިއަލިޓީ ޝޯތަކުގައި ވެސް ބައިވެރިވެފަ އެވެ.



