އިންޑިއާގެ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ތަޖުރިބާކާރު އެކްޓަރު ނާނާ ޕަޓޭކަރު، ހިތް ހުއްޓިގެން އުމުރުން 75 އަހަރުގައި މަރުވެއްޖެއެވެ. އޭނާ މަރުވީ މިއަދު ގޯއާގައި ހުންނަ އޭނާގެ ގޭގައެވެ.
ގޯއާގެ ދޯނާ ޕޯލާގައި ހުންނަ ގޭގައި ހޭނެތިފައި އޮއްވާ ފެނުމާ ގުޅިގެން، ޕަޓޭކަރު ވަގުތުން ގެންދިޔައީ މަނީޕާލް ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުގެ ޑޮކްޓަރުން ގާތްގަނޑަކަށް 45 މިނެޓު ވަންދެން އޭނާގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި ނަމަވެސް ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. މަރުވި ސަބަބު ރަސްމީކޮށް ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ދަ އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕަޓޭކަރު މަރުވިކަން އޭނާގެ ދަރިފުޅު މަލްހާރު ޕަޓޭކަރު ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިކަމާ ގުޅޭ ތަފުސީލީ ބަޔާނެއް ނެރުމުގެ ކުރިން އޭނާ ގޯއާއަށް ދަތުރުކުރަމުންދާ ކަމަށް މަލްހާރު ބުންޏެވެ.
ނާނާ ޕަޓޭކަރު ފިލްމީ ދާއިރާއަށް ނުކުތީ 1978 ވަނަ އަހަރު ނެރުނު ފިލްމު “ގަމަން” އިންނެވެ. އޭގެ ފަހުން އޭނާ ކުޅުނު ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި “ޕަރިންދާ”، “ކްރާންތީވީރު”، “އަގްނީ ސާކްޝީ” އަދި “ވެލްކަމް” ހިމެނެއެވެ. ފިލްމު ކުޅުމުގެ އިތުރުން އޭނާ ވަނީ ޑައިރެކްޓަރެއްގެ ގޮތުގައާއި މަަރާޓީ ތިއޭޓަރުތަކުގައި ވެސް މަސައްކަތްކޮށްފައެވެ.
އޭނާގެ ފިލްމީ ހަޔާތުގައި އިންޑިއާގެ ނޭޝަނަލް ފިލްމު އެވޯޑު ތިން ފަހަރަށް ހޯދާފައިވެއެވެ. އަދި އިންޑިއާ ސަރުކާރުން ދޭ އެންމެ މަތީ މަދަނީ ޝަރަފުތަކުގެ ތެރޭގައި ހިމެނޭ ޕަދްމަ ޝްރީ އެވޯޑު 2013 ވަނަ އަހަރު އޭނާއަށް ވަނީ އަރުވާފައެވެ.



