ގާނޫނާއި ހިލާފަށް ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރެޓް މޯލްޑިވްސް ކަސްޓަމްސްއިން ސާރވިސަސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން އާއްމުކުރި ބަޔާނެއްގައި ބުނީ، ރާއްޖެއަށް ސިއްްރުން ސިނގިރޭޓްތަކެއް އެތެރެކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 24 ވަނަ ދުވަހު ހުޅުމާލޭގެ ތަނެއް އަދި މި މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ އާއި މާލޭ ހިމެނޭ ހެން 4 ތަނެއް ބަލައި ފާސްކޮށްފައިވާ ކަަމަށެވެ. މި އޮޕަރޭޝަންގައި 173 ކާޓަންގެ ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށާއި މި ތަކެތީގެ ލަފާ ކުރެވޭ މާކެޓް އަގަކީ އެއްމިލިއަން ހަލައްކަ ފައްސަތޭކަ ނުވަދިހަ ހަ ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އަތުލައިގެން މި ތަކެއްޗަށް އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭ ކަމަށާއި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 5.6 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންނާއި އެމްއެންޑިއެފްގެ އެހީތެރިކަމާ އެކުގައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
އެ ސާރވިސްގެ މަސައްކަތްތައް ބައްޓަންވެފައި ވަނީ ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑާ ޕްރޮފައިލްއަށް ބިނާކޮށް މުދަލުގެ ލިޔެކިޔުންތަކާއި މުދާ ބަލައި ފާސްކުރާ ގޮތަށް ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ. އެގޮތުން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ގަވައިދާ ހިލާފް މުދާ ކަމަށް ޝައްކު ކުރެވޭ ހާލަތުގައި މުދާ ކްލިއާ ކުރުމަށް ފުރުސަތު ދިން ނަމަވެސް އެ ތަކެތި ގެންދާ ތަނެއް ހޯދުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.




ސިގިރެޓް އަގަކީ ކިހާވަރެއްގެ