މަތީ ސާނަވީ ތަޢުލީމަށް ކިޔެވުމަށް މާލެއާއި އަތޮޅުތަކުގައި ހުރި ފުރުޞަތުތައް މިހާރަށްވުރެ އިތުރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ވިދާޅުވީ، ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން، ސީ.އެޗް.އެސް.އީއަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު މި އެސެމްބްލީގައި ބައިވެރިވެވަޑައިގަތީ ސީ.އެޗް.އެސް.އީގެ އިސްދަރިވަރެއްގެ ހައިސިއްޔަތުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސީ.އެޗް.އެސް.އީގައި މަތީ ސާނަވީ ތަޢުލީމު ހާސިލުކުރެއްވީ 1995 އަކުން 1997 އަކަށެވެ.
ސީ.އެޗް.އެސް.އީގެ 45 ވަނަ އަހަރީ ދުވަހުގެ ޚާއްސަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސީ.އެޗް.އެސް.އީއަކީ އެމަނިކުފާނުގެ ތަޢުލީމީ ހަޔާތުގައިވެސް މުހިންމު ހަނދާންތަކެއް ހިމެނޭ ތަޢުލީމީ ބިނާއެއްކަމަށެވެ. އަދި އަހަރީ ދުވަހު ދަރިވަރުންނާ އެކީ ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ ލިބިވަޑައިގެންނެވި ބޮޑު އުފަލެއްކަމަށެވެ.
މަތީ ސާނަވީ މަރުހަލާއަކީ ދަރިވަރުންގެ މުސްތަޤްބަލު ބައްޓަންކުރަން ލިބޭ އެންމެ މުހިންމު މަރުހަލާކަން ފާހަގަކުރައްވާ ރައީސް ވަނީ މި އަމިއްލަ ހަޔާތަށްޓަކާ މި ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ.
އެގޮތުން ކާމިޔާބު ހާސިލުކުރުމަށް ވަރުގަދަ އަޒުމެއް އޮންނަންޖެހޭކަމަށާއި، އަމިއްލަ ނަފްސަށް ފުރިހަމަ އިތުބާރު އޮތުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ދަރިންނަކީ ޤައުމުގެ މުސްތަޤުބަލުކަމަށާއި، ކިޔަވައިގެން ނިކުންނަށް ދަރިވަރުންނަކީ ޤައުމީ ލޯބި ހުންނަންޖެހޭނެ ބައެއްކަންވެސް ފާހަގަކުރެއްވިއެވެ.



