މާލޭގައި ތޫނު ހަތިޔާރާ އެކު ގުރޫޕް މާރާމާރީ ހިންގި ޒުވާނުންތަކެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގަ 5 ޒުވާނަކު ހައްޔަރުކޮށްފައި ވާކަމަށާއި އެ ފަސްމީހުން ނަކީވެސް އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންނެވެ. މިމީހުންގެ މައްޗަށް ކުރަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ.
މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިމިނަލްކޯޓަށް ގެންދިޔުމުން 2 މީހަކުވަނީ ތަހުގީގް މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ. އަދި އަނެއް 3 މީހުން ފަސްދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މި އެންމެން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ކޯޓް އަމުރުގައި ބުނެފައިވެއެވެ.
މި މީހުންނާ ދެކޮޅަށް ފުލުހުން ކޯޓަށް ހުށައަޅާފަ ވަނީ، ފުލުހުންގެ ބަޔާނާއި އިންޓަލިޖެންސް ރިޕޯޓާއި ހާދިސާ ރިޕޯޓްގައިވާ ތަފްސީލްތަކާއި ސީސީޓީވީ ފުޓޭޖް އާއި އެ ފުޓޭޖްގެ ސްނެޕްޝޮޓްތަކައި އަނިޔާ ލިބުނު ފަރާތުގެ ފޮޓޯތަކެވެ.



