ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިހާތަނަށް 2،013 ބިދޭސީން ޑީޕޯޓުކޮށްފި ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީއާ ފުލުހުން އަދި އިމިގްރޭޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްއާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވި ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގަވާއިދާ ޚިލާފަށް އުޅޭ 2،013 ބިދޭސީން ހިފަހައްޓާފައި ވާނެ ކަމަށެވެ. އަދި އެ އެންމެން ވެސް މިހާރު ޑީޕޯޓު ކޮށްފައިވާނެ ކަމަށް ޝަމްއާން ވިދާޅުވިއެވެ.
“މިދިޔަ ހަފްތާއިން ފެށިގެން ފުދޭވަރަކަށް ފުޅާ ދާއިރާއެއްގަ އަޅުގަނޑުމެންގެ އޮޕަރޭޝަން އެބަ ގެންދަން ކުރިއަށް. މި އޮޕަރޭޝަންތައް ޚާއްސަ ކުރެވިފައި ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ރާއްޖޭގައި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކާ އަމިއްލައަށް ދިވެއްސަކާ ނުގުޅި މި ވިޔަފާރީގައި އިންވޯލްވެގެންދާ ފަރާތްތައް” ޝައްމާން ވިދާޅުވެފައި ވެއެވެ.
އެ މީހުންގެ ތެރޭގައި ސީރިއަސް އެކިއެކި މައްސަލަތަކުގައި ޝާމިލުވާ މީހުން ވެސް ހިމެނޭ ކަން ޝަމްއާން ފާހަގަކުރެެއްވިއެވެ. އޭގެއިތުރުން އޭނާ ވަނީ ރައްޔިތުން މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންދާ މާރުކޭޓުގެ މައްސަލައާ ގުޅޭ ތަފްސީލު ވެސް ދެއްވާފައެވެ. ޝަމްއާން ވިދާޅުވީ މާރުކޭޓް ގޮޅިތަކުގައި ބިދޭސީން ތިބޭ މައްސަލަ ވަރަށް ގާތުން ބަލަމުން ދާ ކަމަށެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައިވެސް ފުޅާކޮށ،ް މިފަދަ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށ،ް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުންކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.



