އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުން ކޮލަމްބިއާ 1-0 ގެ ނަތީޖާ އަކުން ބަލިކޮށް، އާޖެންޓީނާ އިން ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.
އާޖެންޓީނާއިން ކޮލޮމްބިއާ ބަލިކޮށް މިއަދުގެ ފައިނަލް މެޗު ކާމިޔާބުކުރީ 1-0 އިންނެވެ.
މިއީ ކޮޕަ އެމެރިކާގެ އެންމެ ކާމިޔާބު ޓީމު، އާޖެންޓީނާ އިން މި މުބާރާތުގެ ތަށި އުފުލާލި 16 ވަނަ ފަހަރެެވެ. މީގެ ކުރިން މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ އާޖެންޓީނާ އާއި އުރުގުއޭ އަތުގަ އެވެ. އެއީ ދެ ޓީމުން ވެސް 15 ތަށި ހަމަކޮށްފައި އޮތުމުންނެވެ. އެކަމަކު، އާޖެންޓީނާ އިން މިހާރު މި ވަނީ އެއް ތަށި އިތުރަށް ހޯދައިފަ އެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއްނުވެ، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ވަނީ އަނިޔާވެފައެވެ. އަނިޔާގެ ސަބަބުން ދަނޑުން ފައިބަން ޖެހުނުއިރު މެސީއަށް ކަރުނަތައް ހިފަހައްޓައިނުލެވި ވަނީ ރޮވުނީއެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތަކާ ހަމައަށް ފުރިހަމަ ވަގުތު ހަމަވާއިރު, އެއްވަރުވެފައި އޮވެއްޖެނަމަ ނަތީޖާ ނެރެނީ ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު، ފައިނަލް މެޗުގައި އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފަ އެވެ.
އިތުރު ވަގުތުގެ 112 ވަނަ މިނެޓުގައި އާޖެންޓީނާއަށް މެޗުގެ ލީޑު ނަގައިދިނީ ލުޓާރޯ މާޓިނޭޒެވެ. އެއީ، މާޓިނޭޒް މި މުބަރާތުގައި ކާމިޔާބުކުރި ހަވަނަ ލަނޑެވެ.
މި ކާމިޔާބީއާ އެކު އާޖެންޓީނާ އިން ވަނީ އެންމެ ފަހުން އެ ޓީމުން ކުޅުނު ބޮޑު ތިން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެއީ 2021 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތާއި, 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ އިތުރުން މި ފަހަރުގެ ކޮޕަ އެމެރިކާ މުބާރާތެވެ.



