ވޮލީބޯޅައިގައި ވޭތުކުރި 23 އަހަރުގެ ތެރެއިން، ގާތްގަނޑަކަށް 18 އަހަރު ޕޮލިސް ކުލަބަށް ކުޅެދީފައިވާ ޢަލީ މައުރޫފް (އާންމު ނަމުން ނަމަ މާއްޓޭ) ދާދިފަހުން ވަނީ އޭނާގެ ކެރިއަރުގައި އިތުރު މުހިންމު ކާމިޔާބީއެއް ހާސިލުކޮށްފައެވެ. އެއީ ގާތްގަނޑަކަށް ހަތް އަހަރަށްފަހު އެ ކުލަބަށް ޗެމްޕިއަންކަން ހޯދައިދިނުމުގެ އިތުރުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (އެމްވީޕީ) ގެ މަޤާމު ހޯދުމެވެ.
މައުރޫފަށް ޤައުމީ ވޮލީބޯޅަ މުބާރާތުގެ މި ކާމިޔާބީއަކީ ހަމައެކަނި އަމިއްލަ ފަރުދީ ކާމިޔާބީއެއް ނޫނެވެ. މިއީ އޭނާގެ މުޅި ހަޔާތާ ގުޅިފައިވާ ކުޅިވަރަކަށްޓަކައި އަހަރުތަކެއް ވަންދެން ވީ ޤުރުބާނީގެ އަގުވަޒަންކުރުމެކެވެ.
ޕޮލިސް ކުލަބުގެ ކެޕްޓަނެއްގެ ގޮތުގައި، ދިވެހި ވޮލީބޯޅައިގެ އެންމެ އުހަށް އެ ކުލަބު އަލުން ގެންގޮސްދިނުމުގައި މައުރޫފް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ މި ދަތުރު ސިފަކުރީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.
ރަށުން ފެށުނު ދަތުރު
މައުރޫފްގެ ވޮލީބޯޅަ ދަތުރު ފެށުނީ 2002 ވަނަ އަހަރު ހިސާބުގައެވެ. އެއީ އޭނާގެ އުފަން ރަށް، ލ. ފޮނަދޫ ގައި މަޖަލަކަށް ވޮލީ ކުޅެން ފެށި ދުވަސްވަރެވެ. ހަމައެކަނި ވަގުތު ފާއިތުކޮށްލުމުގެ ގޮތުން ފެށި ކުޅިވަރު ސީރިއަސް ކަމަކަށް ބަދަލުވީ، 2005 ވަނަ އަހަރު ފުލުހުންގެ ޚިދުމަތާ ގުޅި، ޕޮލިސް ކުލަބަށް ކުޅުމުގެ ފުރުޞަތު ލިބުނު ހިސާބުންނެވެ.
“އެ ފުރުސަތަކީ އަޅުގަނޑަށް އޭރުގައި ކުލަބުގައި އިސްކޮށް ހަރަކާތްތެރިވީ ޢަބްދުﷲ ރަޝީދު، އަޅުގަނޑުމެން ކިޔާނީ (އަބުޅޯ ސަރ) ގެ ފަރާތުން ލިބުނު ފުރުސަތެއް.. ދެން އޭރު އަޅުގަނޑު ޖޮއިންކޮށްގެން އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީ އޭރުގެ ކޯޗު، ފައްލޮ ސަރ ފަރާތުން…. ކެރިއާގައި ސެޓާއެއްގެ ގޮތުގައި އަޅުގަނޑު ޓްރޭނިންގތައް ހަދައިގެން ކުރިއަށް ދިއުމުގެ އެންމެ ބޮޑު ފުރުސަތެއް ލިބިގެން ދިޔައީ ހަމަ ފައްލޮ ސަރގެ ފަރާތުން…” މައުރޫފްގެ ކެރިއަރ ފެށުނު ގޮތް ހަނދާން އައު ކުރަމުން ބުނެފައިވެއެވެ.
ޓީމަށް ނުކުޅެ އަހަރުތަކެއް ވޭތުވި ދިޔަ ނަމަވެސް، މައުރޫފް އަންދާޒާކުރާ ގޮތުގައި އޭނާ ވަނީ ޕޮލިސް ކުލަބަށް ގާތްގަނޑަކަށް 18 އަހަރު ކުޅެދީފައެވެ. އެ ކުލަބަކީ އޭނާގެ އެންމެ ލޯބިވާ ކުލަބު ކަމަށް ސިފަކުރަމުން އޭނާ ބުނީ، އޭނާގެ ވޮލީބޯޅަ ހަޔާތުގައި ލިބުނު ގާތްގަނޑަކަށް ހުރިހާ މުހިންމު ފުރުޞަތުތަކާއި ކާމިޔާބީތަކެއް ގުޅިފައިވަނީ ޕޮލިސް ކުލަބާ ކަމަށެވެ.
އޭނާގެ ކުޅިވަރު ހަޔާތުގައި ޕޮލިސް ކުލަބުން ގާތްގަނޑަކަށް ހަތަރު ފަހަރު ޤައުމީ ވޮލީބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އެ ހަތަރު ފަހަރުވެސް އޭނާ ވަނީ އެ ޓީމުގައި ހިމެނިފައެވެ. އަދި ކުލަބުގެ ފުރަތަމަ ޤައުމީ މުބާރާތުގެ ތަށި ހޯދީ އޭނާގެ ކެޕްޓަންކަމުގެ ދަށުންކަން ހަނދާން އައުކުރަމުން، މައުރޫފް މިފަހަރުގެ ކާމިޔާބީ ސިފަކޮށްފައިވަނީ އެ ޓީމާއެކު އޮތް ދިގު ގުޅުމުގެ ތެރެއަށް އިތުރުވި އަގުހުރި ބާބެއްގެ ގޮތުގައެވެ.

ޗެމްޕިއަންކަމުގެ ފަހަތުގައިވާ ޤުރުބާނީ
މައުރޫފް ފާހަގަކުރިގޮތުގައި މިފަހަރުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބަށް ހޯދުނީ ޓީމުން ފުޅާ ދާއިރާއެއްގައި ކުރި ތައްޔާރީތަކަކަށް ފަހުގައެވެ. އެގޮތުން ޕޮލިސް ކުލަބުން ވަނީ ޓްރެއިނިންގ ކޭމްޕެއް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 25 ދުވަހުގެ ތަމްރީނު ފުރިހަމަކޮށްފައެވެ. މުބާރާތުގެ ތައްޔާރީތަކާ މައުރޫފް ގުޅުނީ ފަހުން ކަމަށްވިޔަސް، ހެނދުނާއި ހަވީރު ފަރިތަކުރުންތައް ކުރިއަށްގެންދިޔަ ގާތްގަނޑަކަށް 10 ދުވަހުގެ ވަރުގަދަ ޓްރެއިނިންގ ސެޝަންތަކުގައި އޭނާ ބައިވެރިވިއެވެ.
ކޯޗުގެ ޓްރެއިނިންގ ޕްރޮގްރާމާއި، އެ ފަރިތަކުރުންތަކުގައި ކުޅުންތެރިން ދެއްކި ސަމާލުކަމާއި މަސައްކަތާމެދު ވަކިން ހާއްސަކޮށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ. އަދި މި ފަހަރުގެ ތައްޔާރީތަކަކީ، ފަހަކަށް އައިސް މުބާރާތެއް ކާމިޔާބު ކުރުމަށްޓަކައި ޕޮލިސް ކްލަބުން ކުރި އެންމެ ބުރަ މަސައްކަތް ކަމުގައި އޭނާ ސިފަކުރިއެވެ.
މި ކާމިޔާބީ ހާސިލުކުރުމަށް މައުރޫފްގެ އަމިއްލަ ދިރިއުޅުމުން ވެސް ބޮޑެތި ގުރުބާނީތަކެއް ވާންޖެހުނެވެ. އޭނާ ބުނި ގޮތުގައި، ޓީމާ ގުޅުމަކީ އާއިލާއާ ދުރުގައި ވަގުތުތަކެއް ހޭދަކުރަން ޖެހުނު ކަމަކަށް ވުމުން، އެކަން ވެގެންދިޔައީ ފަސޭހަ ކަމަކަށް ނޫނެވެ. ހާއްސަކޮށް މައުރޫފްގެ އަނބިމީހާ ދެއްކި ކެތްތެރިކަމާއި، ދިން ހިތްވަރާއި އެއްބާރުލުން ފާހަގަކޮށް އޭނާ ވަނީ އަނބިމީހާއަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި މި މުޅި ދަތުރުގައި އަނބިމީހާގެ ފަރާތުން ލިބުނު އެއްބާރުލުމަކީ އޭނާއަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ.
މައުރޫފް ފާހަގަކުރި ގޮތުގައި މި މުބާރާތުގައި އެންމެ އުނދަގޫވި މެޗަކީ ލީގުގައި އެޗްޑީސީއާ ދެކޮޅަށް ކުޅުނު މެޗެވެ. ރާއްޖޭގެ ނިސްބަތުން އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް ނުކުތުމަކީ، ހާއްސަކޮށް މެޗުގެ ވާދަވެރި އަދި ނާޒުކު ވަގުތުތަކުގައި، ޕޮލިސް ކްލަބުގެ ސްކޮޑަށް ކުރިމަތިވި ވަރަށް ބޮޑު ޕްރެޝަރެކެވެ.

ކެޕްޓަންކަމާއި، އަހުލާގު އަދި ދުވަހަކުވެސް ހަނދާނުން ފޮހެވިގެންނުދާނެ މެޗެއް
ފުލުހުން ތަމްސީލުކުރާ ޓީމެއްގެ ކެޕްޓަނެއްގެ ހައިސިއްޔަތުން، ޑިސިޕްލިންއާއި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމަކީ އޭނާގެ އެންމެ މުހިންމު އެއް ޒިންމާ ކަމުގައި މައުރޫފް ބުންޏެވެ. ކޮންމެ ކުޅުންތެރިއަކު ވެސް އެ މިންގަނޑުތައް ދެމެހެއްޓުމަށް މަގުދައްކައިދީ، އަހުލާގީ ގޮތުން ނަމޫނާ ޓީމެއްގެ ގޮތުގައި މުބާރާތް ނިންމާލުމަކީ އޭނާ އެންމެ އިސްކަންދޭ ކަންތަކެވެ.
ކުރިން ޤައުމީ ޓީމުގައި ވެސް ކުޅެފައިވާ މައުރޫފްގެ އެންމެ ފޮހެލަން ދަތި ހަނދާންތައްވެސް ގުޅިފައިވަނީ އެ ޓީމާއެކު ކުޅެފައިވާ މެޗުތަކަށެވެ. އެހެންނަމަވެސް، އޭނާގެ ހަނދާނުގައި އެންމެ ބޮޑަށް ހަރުލާފައިވަނީ ކާމިޔާބީއެއް ނޫނެވެ. އެއީ 2015 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ތައްޓާއި ވަރަށް ގާތަށް ގޮސް، ފައިނަލުން ރާއްޖެ ބަލިވި ހިތްދަތި މެޗުގެ ހަނދާނެވެ.
މައުރޫފް ފުރަތަމަ ޑިވިޜަނުގައި ކުޅެން ފެށި ދުވަސްވަރާ އަޅާބަލާއިރު، މިއަދު ދިވެހި ވޮލީބޯޅަ ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށް އޭނާ ގަބޫލުކުރެއެވެ. ކުޅުންތެރިންގެ އަމިއްލަ ހުނަރު އިތުރުވެފައިވާކަން ފާހަގަކޮށް މި ކުޅިވަރަށް ނުކުންނަ ޒުވާން ކުޅުންތެރިންގެ އަދަދު އިތުރުވަމުންދާތީ އެ ހިތްހަމަޖެހުން މައުރޫފް ވަނީ ފާހަގަކޮށްފައެވެ.
އެ ކުރިއެރުންތަކާއެކު ވެސް، ވޮލީއަށް ހާއްސަ އިންޑޯ ވަސީލަތެއް ނެތުމަކީ މި ކުޅިވަރު އިތުރަށް ތަރައްގީކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަސް ކަމުގައި އޭނާ ދެކެއެވެ. ޤައުމީ ޓީމުތަކަށް އެއްގޮތެއްގައި ގަވާއިދުން ފަރިތަކުރެވޭނެ އިންޑޯ އެރީނާއެއް ނެތުމުން، މުބާރާތްތަކަށް ތައްޔާރުވުމަށް އަދިވެސް ދަތިތަކާ ކުރިމަތިވެއެވެ. މީގެއިތުރުން، މާލޭގައި ކުޅޭނެ އެކަށީގެންވާ ޖާގަނެތުމަކީ އަދިވެސް އޮތް ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރިއެވެ.

އެއް ހުވަފެން، އެއް ކްލަބު
ޤައުމީ ޓީމުން ޖާގަ ހޯދުމުގެ އުއްމީދުގައި ތިބި ޒުވާން ކުޅުންތެރިންނަށް މައުރޫފް ދޭން އޮތީ ސީދާ ސާދާ މެސެޖެކެވެ. އެއީ މި ކުޅިވަރަށް ފުރިހަމަ ސަމާލުކަމާއި ވަގުތު ދިނުމާއި، އަހުލާގާއި ޑިސިޕްލިން އެންމެ އިސްކަމަކަށް ހެދުމެވެ. އަދި މައުރޫފްގެ އަމިއްލަ ކެރިއަރަށް އަލިއަޅުވާލަމުން ބުނީ، އޭނާއަށް ހޯދުނު ކޮންމެ ކުރިއެރުމެއްގެ ވެސް އަސްލަކީ އަހުލާގު ކަމަށެވެ.
ވޮލީބޯޅައިގައި 23 އަހަރު ހޭދަކޮށްފައިވާ މައުރޫފްގެ އެންމެ ބޮޑު އެދުމަކީ، ޤައުމީ މުބާރާތުގެ ތަށި މިލްކުކުރުމުގެ ޝަރަފު ޕޮލިސް ކްލަބަށް ހޯދައިދިނުމެވެ. ކުރިން ވެސް ޖެހިޖެހިގެން ދެ ފަހަރެއްގެ މަތިން ޕޮލިސް ކުލަބުން ވަނީ ތަށި ހޯދާފައެވެ. އަދި މިހާރު މައުރޫފް އެންމެ ބޭނުންވާ ކާމިޔާބީއަކީ، އެ ތަށި ޕޮލިސް ކްލަބަށް މިލްކުވާތަން ދުށުން ކަމަށް އޭނާ ބުންޏެވެ.
ވޮލީބޯޅައިގެ ކެރިއަރުގައި މި ހިސާބަށް އާދެވުނީ ގިނަ ބައެއްގެ އެއްބާރުލުމާއި ހިތްވަރުންކަމަށް މައުރޫފް ޤަބޫލުކުރެއެވެ. އޭނާގެ ފަހަތުގައި އާއިލާގެ އިތުރުން ރަހުމަތްތެރިންނާއި، ކުޅިވަރުގެ ދާއިރާއިން ދިމާވި ގިނަ ބަޔަކު އަދިވެސް އެބަތިއްބެވެ. އޭގެތެރެއިންވެސް މައުރޫފްގެ ކެރިއާގައި ކުރިއަށް ދިއުމަށް ލިބޭ ހުރިހާ ފުރުސަތެއްގައި އެންމެ ރަނގަޅު ނަސޭހަތްތައް ދެއްވަމުން ގެންދަވާ ޚާލިދު ކޯޗަށް އޭނާ ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މީގެ އިތުރުން ފޮނަދޫގެ ކްލަބެއް ކަމަށްވާ އައިލެންޑާސްގެ ފަރާތުން އަދިވެސް ލިބެމުންދާ އެއްބާރުލުން އޭނާ ފާހަގަކުރިއެވެ. އޭނާ ސިފަކުރި ގޮތުގައި، އައިލެންޑާސްއަކީ އޭނާގެ އުފަން ރަށުގައި ކުރި ވޮލީބޯޅަ ދަތުރުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެއް ފަރާތެވެ.
މި ފަހަރުގެ ޗެމްޕިއަންކަމާއި އެމްވީޕީގެ އެވޯޑަކީ މައުރޫފަށް ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެކެވެ. އެހެން ނަމަވެސް، މި ކުޅިވަރުގައި 23 އަހަރު އަދި ޕޮލިސް ކްލަބުގައި ގާތްގަނޑަކަށް 18 އަހަރު ހޭދަކުރުމަށްފަހު، މައުރޫފްގެ އެންމެ ބޮޑު އުންމީދަކީ އަމިއްލަ ފަރުދީ ޝަރަފެއް ހޯދުމެއް ނޫނެވެ. އޭގެ ބަދަލުގައި، އޭނާއަށް ފުރުސަތުތައް ފަހިކޮށްދިން ކްލަބަށް އެ ތަށި އެއްކޮށް މިލްކުވާތަން ދުށުމެވެ.



