ނިމިދިޔަ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން މަރާމާތުކުރި އޮލިމްޕަސްގައި ހުންނަ ރެސްޓޯރަންޓުގެ ސީލިންގ ވެއްޓިއްޖެ އެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ވެވުނު “ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް”ގެ ދަށުން ޒަމާނީ ފެންވަރަކަށް ނިމިދިޔަ ސަރުކާރުން އޮލިމްޕަސް މަރާމާތުކޮށް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ.
އޮލިމްޕަސް ރެސްޓޯރެންޓްގެ ސީލިންގ ވެއްޓިފައިވަނީ ރޭ 23:00 ކަންހާއިރުއެވެ. މި ހާދިސާ ހިނގިއިރު ރެސްޓޯރަންޓު ތެރޭގައި މީހުންވެސް ތިބިކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ނިމިދިޔަ ސަރުކާރުން އޮލިމްޕަސްގެ ފިލްމް ތިއޭޓަރުގެ އޭރިއާ މަރާމާތުކޮށް ހުޅުވިއިރު، އެތަނުގެ ރެސްޓޯރެންޓް އޭރިއާ ވެސް މަރާމާތުކޮށް އޭރުވަނީ ހުޅުވާފައެވެ.
ރާއްޖޭގެ ފިލްމީ އުފެއްދުންތައް އާއްމުންނާ ހަމައަށް ގެނެސްދިނުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރަމުންދިޔަ އޮލިމްޕަހަށް އެކިފަހަރު މަތިން ބަދަލުތައް ގެނެސްފައިވެއެވެ. އެންމެފަހުން އެ އިމާރާތް މަރާމާތުކުރި އިރުވެސް އިމާރާތް ހުރީ ދުވަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ބާވެ، ހަލާކުވެފަ އެވެ.
ދެ ފިޔަވަށްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން އޮލިމްޕަހުގެ ލޮބީ ސަރަޙައްދާއި، ޓިކެޓް ކައުންޓަރާއި، ރެސްޓޯރަންޓު ސަރަޙައްދު ވަނީ މަރާމާތުކޮށްފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން އޮލިމްޕަހުގައި ހުރި ޓެކްނިކަލް މައްސަލަތައް ޙައްލުކޮށް، ޒަމާނީ ވަސީލަތްތަކަށް ބަދަލުކޮށްފައި ވެއެވެ.
އޮލިމްޕަސްގައި ހުންނަ ރެސްޓޯރަންޓުގެ ސީލިންގ ވެއްޓުމާއި ގުޅިގެން ގިނަ ފަންނާނުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.



