ރާއްޖޭގެ ބޯޑަރުތައް މިހާރު އޮތް ގޮތުން ގާނޫނާ ހިލާފު ކޮންމެ އެއްޗެއް ވެސް ގެނެވޭނެ މަގު އޮތީ ހުޅުވިފައި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ކަސްޓަމްސްގެ އިސްބޭފުޅުން ހާޒިރުކޮށްފައިވާއިރު ކަސްޓަމްސްއިން ބުނީ އެ އޮފީހަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަނޑުގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓުން ކަމަށެވެ.
އެގޮތުން ރާއްޖޭގެ ބޯޑަރުތަކުގެ ހާލަތު އޮތްގޮތުން ބޭނުންވެއްޖެނަމަ ހަތިޔާރުވެސް ގެނެވޭނެ މަގު އޮތީ ހުޅުވިފައިކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި ވާހަކަފުޅު ދައްކަވަމުން އެންފޯސްމަންޓް އެންޑް ބޯޑާ ސެކިއުރިޓީއާ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް އިސްމާއިލް ހަމްދޫން ވަނީ ވިދާޅުވެފައެވެ.
ހަމްދޫން ވިދާޅުވީ ކަސްޓަމްސްއިން މި ވަގުތު ވެސް ގިނަ ބަނދަރުތަކެއް ބަލަހަށްޓަމުން ގެންދާއިރު، އެ މަސައްތަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ކަސްޓަމަސްގެ އޮފިސަރުން ބަނދަރުތަކުގައި ތިބެން ޖެހޭތީ ކަމަށެވެ.
ހަމްދޫން ވިދާޅުވީ ރާއްޖޭގައި ހުޅުވިފައި ކަނޑެއް އޮތުމުގެ ސަބަބުން އެމީހަކު ބޭނުން އެއްޗެއް ގެނައުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި އުޅަނދުތައް ބަނދަރާ ހަމައަށް ދިއުމުގެ ކުރިން، ކަނޑުމަތިން ލޯކަލް އެހެން އުޅަނދުތަކަށް ގަވާއިދާ ޚިލާފަށް ތަކެތި އަރުވައިގެން ފަޅުރަށްރަށަށް ގެންދާ މައްސަލަތަކެއް ވެސް ފެންމަތި ވެފައިވާ ކަމަށެވެ. އެގޮތުން އެކަން ކުރުމުގެ ފުރުސަތު ހަމައެކަނި އޮތީ މަސްތުވާތަކެއްޗަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
” ރާއްޖެއަށް ގާނޫނާއި ހިލާފު ހުރިހާ އެއްޗެއް ގެނައުމުގެ ދޮރު މި އޮތީ. ސިނގެރޭޓް ވެސް މީގެ ތެރެއިން އަންނަނީ. ރަނުގެ އެތަށް ކޭހެއް އެބަ ހޯދަން. މީގެ މާނައަކީ ބަނދަރާއި ހަމައަށް އަންނަ ކޮންމެ އެއްޗެއްގައި ހުންނަތަކެތި އަޅުގަނޑުމެންނާއި ހަމައަށް ނައިސްދާ ފަހަރުތައް އެބަދެއޭ. މިއީ އިންތިހާއަށް ކަންބޮޑުވާކަމެއް. އެ އޮތީ އެ މީހަކު ބޭނުންވާކަމަށް ނިޔަތް ގަތުން. ހަތިޔާރު ގެންނަން މީހަކު ނިޔަތް ނުގަންނަނީ. ނިޔަތް ގަނެފިއްޔާ ހަތިޔާރު ގެނައުމުގެ މަގު އެ އޮތީ ހުޅުވިފައި.” ހަމްދޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ބަނދަރާ ހަމައަށް އައުމުން ސިގިރޭޓާއި ރަނާއި މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.



