ރާއްޖޭގައި ހަރަކާތްތެރިވާ ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރުމަށް އޮންނަ ބާ ކައުންސިލްގެ ހިންގާ ކޮމިޓީ، އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އިންނަވާ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނުގައި އޮތް މާއްދާ އިން ބަންޑާރަ ނައިބު އުނިކުރާ ގޮތަށް ގާނޫނު ބަދަލު ކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލިހަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް (ހުސެންބެ)އެވެ.
ހުސެއިން ޝަރީފް ހުށަހެޅުއްވި ބިލުގައި ބުނާ ގޮތުން އެ ބިލުގެ މަގުސަދަކީ ގާނޫނީ ވަކީލުގެ ކަންކަން ތަންފީޒުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ މަންދޫބުން ކަމުގައި ހަމަޖައްސައި ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމެވެ.
މީގެ އިތުރުން، ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ އިދާރާތަކުން ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި، ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހިންނަށް ބޭނުންވާ ބައެއް ލިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައްވެސް މި ބިލްގައި ހިމަނާފައިވެއެވެ.
ބާ ކައުންސިލް މިހާރު އެކުލެވިގެން ވަނީ ވަކީލުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބުކުރާ ހަ މެންބަރުންނާއި ބަންޑާރަ ނައިބެވެ. ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ ބަންޑާރަ ނައިބު އުނިކޮށް ހަތް މެންބަރުން އިންތިހާބު ކުރާ ގޮތަށެވެ.
ބާ ކައުންސިލް ވުޖޫދަށް އައީ 2019 ގަ އެވެ.



