ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހެނދުނު 6:00 ގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ ނެގުމަށްފަހު، މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. މި ރަސްމިއްޔާތު ނިންމާލާފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ބޭންޑުން ކުޅުނު ގައުމީ ސަލާމުންނެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު އިނގިރޭސިންގެ އަތުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ތާރީޚީ ދުވަހެވެ.



