ރާއްޖޭގެ މާކެޓުގައި ދައުރުވަމުން އަންނަ ބޭހުގެ ދެ މާއްދާއެއް ހިމެނޭ މާމުޔަކަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެ.
އެމްއެފްޑީއޭ އިން ބުނެފައިވަނީ ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވިއްކަމުންދާ “ބްލެކް ހޯސް ވައިޓަލް ހަނީ” އަދި “އެޓުމެކްސް ރޯޔަލް ހަނީ ފޯ ހިމް” މާމުއި ވިއްކަމުންދާތީ އެކަން އާންމުންގެ ސަމާލުކަމަށް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ގެނެސްފައިވާނެ ކަމަށެވެ.
އަދި އެފަދަ އުފެއްދުންތަކަކީ އެމެރިކާގެ ކާބޯތަަކެއްޗާއި ބޭހާއި ގުޅޭ އެފްޑީއޭ އިން ވެސް ރައްކާތެރި ނޫން ކަމަށް ފާހަގަކޮށްފައިވާ އުފެއްދުންތަކެއް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
އެމްއެފްޑީއޭއިން ބުނީ މި ދެ ބާވަތުގެ މާމުއިގައި ބޭހުގެ ދެ މާއްދާއެއް ކަމަށްވާ ޓަޑަލަފިލް އަދި ސިލްޑެނަފިލް ހިމެނޭކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
“”މިފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ޓަކައި މިފަދަ އުފެއްދުންތައް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުގައި ދެންނެވީމެވެ،” އެމްއެފްޑީއޭއިން ބުނެފައިވެ އެވެ.
ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ އެފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްވާވެދާނެ ފަދަ ކަމެއް ކަމަށް އެމްއެފްޑީއިން ބުނެފައިވެއެވެ.



