ގަވާއިދާ ހިލާފަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުން ދިޔަ މައްސަލައެއްގައި އިތުރު ބިދޭސީންތަކެއް އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ހިއްސާކޮށްފައިވާ މައުލޫމާތަކާއި ގުޅިގެން ރޭ ހުޅުމާލޭ ތިންބުރީގެ އިމާރާތެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެތަނުގައި ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 22 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނީ އެތަނަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކާއި ގުޅުން އޮންނަ ތަނެއް ކަމަށެވެ.
އެތަނުން ބުނީ މިއީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދަން ކުރިއަށް ގެންދަން ފެށި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގައި ހިންގުނު އެންމެ ބޮޑު އެއް އޮޕަރޭޝަން ކަމަށެވެ.



