ސަރުކާރާއި ކުންފުނިތަކުގައި އިތުރު ވަޒީފާތައް އުފައްދައިގެން ނަމަވެސް، މިފަސް އަހަރު ތެރޭ ވަޒީފާ ބޭނުންވާ ހުރިހާ ދިވެހިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީފާ ޤާއިމްކުރާނެކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ސަލީމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން ސިވިލް ސާވިސްގެ އިތުރުން އަދި އެއްވެސް ދާއިރާއަކުން މުވައްޒަފުން ވަޒީފާއިން ކަނޑާލާފައި ނުވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި މި ސަރުކާރުން ވަޒީފާތައް އިތުރުކޮށްދީފައިވާކަމަށް ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ސިޔާސީ މަޤާމްތައް އިތުރުވަނީ ދައުލަތުގެ ހިންގުން ވަރުގަދަވުމުން ކަމަށް ވިދާޅުވެ، ސަލީމް ވަނީ އެކަމަކީ އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ މަޤާމުތައް ވެސް ދެނީ ހަމަ ދިވެހި ރައްޔިތުންނަށް ކަމަށާއި އެތަނުން ކޮންމެ މީހަކުވެސް ބަލަންޖެހޭ އާއިލާއެއް އޮންނާނެކަމަށް ވިދާޅުވެފައެވެ.
އަދި މި ސަރުކާރުގެ އަމާޒަކީ ސަރުކާރުންނާއި ކުންފުނިތަކުން ވަޒީފާތައް އުފައްދައިގެން ނަމަވެސް ޒުވާނުންނަށް ވަޒީފާ ޔަޤީންކުރާނެ ކަމަށާއި އެއްވެސް ރައްޔިތަކު މި ސަރުކާރުން ބާކީ ނުކުރައްވާނެ ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.



