އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗުން) ޑޮކްޓަރަށް ދެއްކޭނެ ދުވަސް ދުރާލާ އެނގޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަަވިއުއެއްގައި އިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ޝާހު މާހިރުވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ބައްޓަންވެފައި އޮންނަ ގޮތުން ގިނަ ގޮންޖެހުންތަކާ ދިމާވާ ކަމަށް ވިދާޅުވެފައެވެ.
އޭގެތެރެއިން އެއް ކަމެއްގެ ގޮތުގައި ޑރ. ޝާހު މާހިރު ފާހަގަކުރައްވާފައި ވަނީ ޑޮކްޓަރަށް ދައްކަންޖެހޭ ދުވަސް ދުރާލާ ނޭނގުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކެވެ. އަދި އެކަންތައްތައް ހަރުދަނާކޮށް، އެޕޮއިންޓްމަންޓް ސިސްޓަމް އަވަސް ކުރަންޖެހޭކަމަށް ޑރ. ޝާހު މާހިރުވަނީ ވިދާޅުވެފައެވެ.
ޑރ. ޝާހު މާހިރު ވިދާޅުވީ އައު އެޕޮއިންޓްމަންޓް ސިސްޓަމަކަށް ދިޔުމުން އެ ވެއިޓިންގ ލިސްޓް ތާރީޚުތަކަކަށް ބަހާލާނެ ކަމަށާއި އޭރުން ކޮންމެ މީހަކަށްވެސް އެމީހަކު ޑޮކްޓަރަށް ދެއްކޭނެ ދުވަސް ސާފުވެ، އެޕޮއިންޓްމަންޓް ހަމަޖެހުނު ދުވަސް ދުރާލާ އެނގިގެންދާނެ ކަމަށެވެ.
ޑރ. ޝާހު މާހިރު އިތުރަށް ވިދާޅުވީ، މިފަދަ ސިސްޓަމަކަށް ދިޔުމުގެ ބޭނުންތަކުގެ ތެރޭގައި ރަށްތަކުން ޑޮކްޓަރަށް ދައްކަން އަންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ ނިޒާމެއް ފަހިކޮށްދެވޭނެ ކަމަށެވެ. އަދި ރަށްތަކުން މާލޭ ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ ޖީބުން ކުރަންޖެހޭ ޚަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އައު އެޕޮއިންޓްމަންޓް ސިސްޓަމް ތައާރަފްކުރުމުގެ މަސައްކަތް އެ ހޮސްޕިޓަލުން މިހާރު ވަނީ ފަށާފައެވެ.



