މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރި ނަމަވެސް، ރާއްޖެއިން ތެލާއި ގޭހަށް ނުޖެހި ހިފަހައްޓައިލެވުނީ ސަރުކާރުގެ ދުރާލައި ރޭވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ސަރަހައްދުގެ ގިނަ ޤައުމުތަކަކަށް ތެލާއި ގޭސް ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް، ހަނގުރާމަ ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެފަދަ ތާށިކަމެއް ނާންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި އެ ބަނދަރު ބޮޑުކުރުމަށް ކުރީގެ އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ގިނަ މުދާ އުފުލާ ބޯޓުތައް ރާއްޖެއަށް ނައިސް ކޮލަމްބޯ ފަދަ ތަރައްޤީވެފައިވާ ބަނދަރުތަކަށް މިސްރާބު ޖަހަމުންދާ ކަމަށް ވިދާޅުވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ބާރުދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ނޮވެމްބަރު މަހަށް އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ. އަދި މިހާރުވެސް ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ދޯނިފަހަރުން މުދާ ބޭލުމުގެ ކަންކަން ތިލަފުއްޓަށް ބަދަލުކުރަމުން އަންނަ ކަމަށާއި، މި މަސައްކަތްތައް ބައްލަވައިލެއްވުމަށް އިދިކޮޅު މެންބަރުންނަށް ދަޢުވަތު އަރުވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.



