ހައުސިންގ ސްކީމްތަކުން ލިޔުންލިބި ފުލެޓު ނުލިބޭ ފަރާތްތަކަށް މި ސަރުކާރުން ހިންގާ ބޯހިޔާވެހިކަމުގެ ސުކީމްއަކުން ފުލެޓު ހަމަޖެހިގެންދާނެ ފުރުސަތު އޮންނާނެ ކަމަށް ހައުންސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ މެމްބަރުންކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ މިހާތަނަށް ހިންގާފައިވާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ޝަރުތުހަމަވެ ލިޔުންލިބި ފުލެޓް ނުލިބޭ ފަރާތްތަކަށް މި ސަރުކާރުން ފަށާ ބޯހިޔާވެހިކަމުގެ ސްކީމްއަކުން ފުލެޓް ހަމަޖެހިގެންދާނެ ފުރުސަތުއޮތްކަމަށެވެ.
މިހާތަނަށް ގެޒެޓުކުރެވިފައިވާ ދާއިމީ ލިސްޓު ތަކުގެ ތެރެއިން ފުލެޓު ނުލިބޭ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭހެން ދާއިމީ ލިސްޓެއް ތައްޔާރުކުރެވެމުންދާކަމަށް އެ މިނިސްޓްރީން ހާމަަކުރެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 ގައި އަންނަނީ 17-18 ބުރީގެ 32 ޓަވަރު އިމާރާތްކުރަމުންނެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ. އެ ހުރިހާ ޓަވަރެއްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރު މެދުތެރެއަށް ކަމަށް މިނިސްޓްރީން ބުނެއެވެ.



