ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ކުއްޔަށް ދީފައިވާ ހައުސިން ޔުނިޓްތައް ލިބިފައިވާ ގިނަ ބަޔަކު ކުލި ނުދައްކާތީ އާއި އެތަންތަން ގަވާއިދާ ހިލާފަށް އެހެން މީހުންނަށް ކުއްޔަށް ދޭތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައުސިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މާލޭ ސަރަހައްދުގެ އަދި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުން މަހުން މަހަށް ދައްކަންޖެހޭ (އެސްޓިމޭޓެޑް މަންތުލީ އިންސްޓޯލްމެންޓް، އީއެމްއައި) ގެ 20 ޕަސަންޓް ވަނީ މައާފުކޮށްދީފައި ކަމަށެވެ.
ނަމަވެސް ގިނަ ފަރާތްތަކުން އަދިވެސް ފުލެޓުތަކަށް ކުލި ދައްކަމުންނުދާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން ކުލި ދެއްކުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ދެއްކުމަށް ޔުނިޓްތަކުގެ ވެރި ފަރާތްތަކަށް އަންގާފައިވާނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބުނީ ގަވާއިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތަކާއި ޔުނިޓް ކަނޑައަޅާފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ބޭނުން ކުރުމާއި ގަވާއިދާ ހިލާފަށް ޔުނިޓަށް ބަދަލު ގެނައުމާއި ކުއްޔަށް ދިނުމާއި ގުޅޭ ކަންކަން ވެސް އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.
“އަދި ގަވާއިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތަކާ، ޔުނިޓް ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ޔުނިޓުތައް ބޭނުންކުރުމާ، ގަވާއިދާ ހިލާފަށް ތަނަށް ބަދަލު ގެނައުމާ، ކުއްޔަށްދިނުމާ ގުޅޭ ކަންކަން މިނިސްޓްރީން ބަލަމުންދާ ވާހަކަ ދަންނަވަމެވެ. މިގޮތުން ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާ މެދު އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ..،” މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ ގަވާއިދާ ޚިލާފަށް އަަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.



