އެމްޑީޕީއަށް ވެރިކަން ލިބުނު ނަމަ އަދިވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހުންނާނީ ޖަލުގައި ކަމަށް ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފަލާހް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން، އެމަނިކުފާނާއި ނައިބު ރައީސް ވަކިކުރުމަށްޓަކައި މަޖިލީހުގައި މެޖޯރިޓީ އޮވެގެން އެހެން މަޖިލީހަކުން ނުކުރާނެ ފަދަ ނުބައި ކަންކަން އެމްޑީޕީގެ މަޖިލީހުން ކުރި ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ހަމަޔަށް އުޅުނީ ވަރަށް ހާލުގައި ކަމަށާއި، ކޮންމެ ރެޔަކު ނިދަން އޮންނަ އިރުގައި މާދަމާ ރައީސް އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނެއޭ ހިތަށް އަރާ ކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް ވަނީ ސުޕްރީމް ކޯޓުން އަމުރު ނެރޭއިރުގައި ވެސް އޭރުގެ މަޖިލީހުން ނިންމުންތައް ފާސްކުރަމުން ގެންދިޔަ ކަމަށާއި، މި ހުރިހާ ކަމެއްވެސް ޔާމީނަށް ރަނގަޅު ކަމަށާއި މިއަދު އެމްޑީޕީއާއިއެކު އެއް ތަށި މަތިން ކައި އެއް އެނދުގައި ނިދޭ އިރުވެސް ބަރާބަރުކަމަށް ވިދާޅުވެފައެވެ.
އަދި އެމްޑީޕީއަށް ވެރިކަން ލިބުނު ނަމަ އަދިވެސް ޔާމީން ހުންނާނީ ޖަލުގައި ކަމަށާއި އެމްޑީޕީން ބޭނުންވީ ކުރިއަށް އޮތް 10 އަހަރުވެސް ޔާމީން ޖަލުގައި ބައިންދަންް ކަމަށް ފަލާހް ވިދާޅުވިއެވެ.



