ޣައްޒާގައި އާންމުން ބޯހިޔާވަހިކަން ހޯދަމުންދިޔަ ސްކޫލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 60 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އެ ހަމަލާ ގަބޫލުކޮށް، އެއީ ސްކޫލުގެ ތެރޭގައި ހުންނަ ހަމާސް ކޮމާންޑް ސެންޓަރަކަށް ހަމަލާދިން ކަމަށް ބުނެފައެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ އެމްބިއުލާންސް އެންޑް އިމަޖެންސީ ސާވިސް އިން ބުނީ ޣައްޒާ ސިޓީގެ މެދުތެރޭގައި ހުންނަ ތަބީން ސްކޫލަށް ދިން ހަމަލާގައި 47 މީހުން ޒަހަމްވެފައިވާ ކަމަށެވެ. ޣައްޒާގެ ގާތްގަނޑަކަށް ހުރިހާ މަދަރުސާތަކެކޭ އެއްފަދައިން އެތަނަކީވެސް ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ މީހުންގެ ހިޔާވަހިކަމެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ތަނެކެވެ.
އދ އިން ބުނި ގޮތުގައި ޖުލައި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ޣައްޒާގެ 564 ސްކޫލެއްގެ ތެރެއިން 477 ސްކޫލަކަށް ވަނީ ހަނގުރާމައިގައި ސީދާ ގެއްލުން ގެއްލުން ލިބިފަ އެވެ. މިދިޔަ ޖޫން މަހު ޣައްޒާގެ މެދުތެރޭގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ފަލަސްތީނުގެ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 12 އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 33 މީހުން ޝަހީދުވެފައިވާ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ވަނީ ބުނެފައެވެ.
އިސްރާއީލުން ޣައްޒާގައި ކުރިއަށް ގެންދާ ލާއިންސާނީ ހަމަލާތަކުގައ ފަލަސްތީނުގެ 39،600 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 91،700 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެންކްލޭވްގެ ހެލްތު މިނިސްޓްރީން ބުނެއެވެ.



