ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ބައިވެރިވާކަމަށް ތުހުމަތުކުރެވިގެން ފަށާފައިވާ އޮޕަރޭޝަނުގައި ހައްޔަރުކުރި 13 ޖަލު އޮފިސަރުންގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މި އޮފިސަރުން ހައްޔަރުކުރީ މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމަށް ކުރާ ތުހުމަތާ ގުޅިގެން ބެލިއިރު، ހެކިތައް ހުރުމުންނެވެ.
އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވާ ގޮތުގައި، އެ ކުށް ކުރުމުގައި ޖަލު އޮފިސަރުންގެ 18 މީހަކު ބައިވެރިވި އެވެ. އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައި ވެއެވެ. އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ، މާފުށީ ޖަލުން ހައްޔަރުކުރި ނުވަ މިހަކާއި ކ. ކާށިދޫއިން ހައްޔަރުކުރި ދެ މީހުންނާއި ހއ. އުތީމުން ހައްޔަރުކުރި މީހެއްގެ އިތުރުން މާލެއިން ހައްޔަރުކުރި މީހެކެވެ.
ފުލުހުން މިއަދު ބުނީ މި 13 މީހުންގެ މައްސަލަ ބަލައި ތަހުގީގުކޮށް ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.



