ހުސްވި ޖުލައި މަހު އިންފުލުއެންޒާގެ 100 ކޭސް ރިޕޯޓުކޮށްފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން ކޮންމެ މަހަކު ނެރޭ އާންމު ރޯގާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހު 439 މީހަކު ވަނީ އިންފުލުއެންޒާއަށް ޓެސްޓުކޮށްފައެވެ. އެތަނުން 100 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެހެންނަމަވެސް މި އަދަދަކީ ޖޫން މަހާ އަޅާ ބަލާއިރު ދަށް އަދަދެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ޖޫން މަހު އިންފުލުއެންޒާއަށް ޕޮޒިޓިވްވީ 139 މީހުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް 394 މީހުން ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.
މީގެއިތުރުން ޖޫން މަހާއި އަޅާބަލާއިރު ޑެންގޫ، އަރިދަފުސް ރޯގާ، ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި އަދަދު ނިސްބަތުން ދަށް ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެޗްޕީއޭއިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ނިވާކުރުމާއި މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށްވަނީ އިލްތިމާސްކޮށްފައެވެ އަދި އާއްމު ސާފުތާހިރުކަމަށް ސައިބޯނިލައިގެން އަތްދޮވުމަށް އިސްކަންދިނުމުގެ އިތުރުން މިފަދަ ބަލިތަކުން ސަލާމަތްވުމަށް ގޭގައި ދެވެން ހުންނަ ފަރުވާތައް ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.



