ތައިލެންޑުގެ ބޮޑުވަޒީރު ސެރެތާ ތަވިސިން ގާނޫނު އަސާސީއާ ހިލާފުވި ކަމަށް ކޯޓުން ނިންމުމާ ގުޅިގެން އޭނާ މަގާމުން ދުރުކޮށްފި އެވެ.
އެ ހުކުމް އިއްވާފައި މިވަނީ މިދިޔަ އަހަރުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ހޯދި އެ ގައުމުގެ މަޝްހޫރު ޕްރޮގްރެސިވް މޫވް ފޯވާޑް ޕާޓީ އުވާލައި އެ ޕާޓީގެ ލީޑަރުން 10 އަހަރަށް ސިޔާސީ ދާއިރާއިން މަނާކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.
ބެންކޮކްގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ ރިއަލް އެސްޓޭޓް ޓައިކޫނެއް ކަމަށްވާ އަދި ސިޔާސީ ގޮތުން އަލަށް ތައާރަފްވާ ސެރެތާ، ކެބިނެޓަށް ޖަލު ހުކުމެއް ތަންފީޒު ކުރެއްވި ވަކީލަކު އައްޔަންކޮށް އެތިކްސް އާއި ހިލާފުވެފައިވާ ކަމަށެވެ.
އެ ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރަކު ވަނީ ސެރެތާ އާއި އޭނާގެ ކެބިނެޓް މަގާމުން ވަކިކުރަން ވޯޓު ދެއްވައި، އަޚްލާގީ ނަޒާހަތްތެރިކަންނެތް ބޭފުޅަކު އައްޔަން ކުރެއްވިކަން ބޮޑުވަޒީރަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ނިންމަވައިފަ އެވެ.
ތައިލޭންޑުގައި އާ ސަރުކާރެއް މިހާރު އުފައްދަން ޖެހޭއިރު ވެރިކަން ކުރާ ފީއު ތައި ކޯލިޝަނުން ބޮޑުވަޒީރަކަށް އާ ކެނޑިޑޭޓަކު ނެރޭނެ އެވެ. އަދި އެ ކަމަށް ވޯޓަށް އަހާނީ 500 ގޮނޑި ހިމެނޭ ޕާލަމެންޓުންނެވެ.
އެ ނިންމުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސެރެތާ ވިދާޅުވީ ބޮޑުވަޒީރުގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރެއްވި ކަމަށާއި ހުކުމް ގަބޫލުކުރައްވާ ކަމަށެވެ. އަދި ދެން އަންނަ ސަރުކާރަކުން އެމަނިކުފާނުގެ ސިޔާސަތުތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.



