ދިރާސާކުރަން ކުރާ ހޭދަ އިތުރުވާއިރު އަމާޒަކީ ރާއްޖޭގައި ކުރާ ދިރާސާއަކީ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ ދިރާސާތަކަށް ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ “ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024” ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށާއި އަދި ހަމަ އެހެންމެ ޕްރޮފެޝަނަލް ނިންމުންތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި އަދި މިކަމުގައި ތަޢުލީމީ ފަރާތްތަކާއި ދިރާސާކުރާ ފަރާތްތަކާއި ޕޮލިސީ ނިންމުންތައް ނިންމާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރާއި އަދި ޢާންމު ފަރާތްތަކުންވެސް އެކުގައި ގުޅިގެން މިމަގަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ދިރާސާކުރަން ކުރާ ހޭދަ އިތުރުވާއިރު އަމާޒަކީ ރާއްޖޭގައި ކުރާ ދިރާސާއަކީ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ ދިރާސާތަކަށް ހެދުން ކަމަށެވެ.
މީގެ އިތުރުން، ދަނޑުވެރިކަމާއި މަސްވެރިކަމާއި މޫސުމީ ބަދަލުތަކާއި އާންމު ސިއްހަތުގެ ނިޒާމުގެ އިތުރުން ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅުންހުރި މުހިންމު މަޝްރޫއުތަކެއް ކުރިއަށް ހުރި މަސްތަކުގައި ފައްޓަވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ދިރާސާކުރުން ކުރިއެރުވުމާއި އެކަމަށް އެއްބާރުލުންދިނުމާއި އަދި ސުވާލުކުރުމަށާއި ޢިލްމު ހޯދުމަށާއި ޤައުމު ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެކުގައި މަސައްކަތްކޮށް، ބަދަލުވަމުންދާ ދުނިޔޭގައި ރާއްޖެއަށް އީޖާދީގޮތެއްގައި ފާގަތިކަމާއެކު ކުރިއަރައި ދެވޭނެކަމަށް ދެކެވަޑައިގަންނަވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



