ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ބާ ކައުންސިލުން ބަންޑާރަ ނައިބު އުނިކުރުމަށް ފަންނުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅީ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފް (ހުސެންބެ) އެވެ. ބިލު ކޮމިޓީން ފާސްކޮށްފައިވަނީ މަޖިލީހުގެ ތަޅުމުން ފޮނުވި ގޮތަށް އިތުރު ބަދަލެއް ނުގެނެސްއެވެ.
މި ބިލު ހުށަހެޅި މަގްސަދެއްގެ ގޮތުގައި ބުނެފައިވަނީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމަށް ކަނޑައަޅައި، ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާ އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު އުނިކުރުމުން، އެ ކޮމިޓީ އެކުލެވޭނީ ހަމައެކަނި ގާނޫނީ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ފަސް މެމްބަރުންނެވެ. މިހާރު ބަންޑާރަ ނައިބާ އެކު އެ ކޮމިޝަންގައި ހަ މެމްބަރުން ތިއްބަވައެވެ.
މި ބިލު ކޮމިޓީން ފާސްކޮށްފައިވަނީ ފަސް މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.



