އިސްލާމް ދީނާ ހިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށާއި މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭ އުސޫލެއް ނޫނީ ގަވައިދެއް އޮތް ނަމަ، އެ ބަދަލު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ އޭނާ އަށް ވަޒީފާ ނުދިން މައްސަލައާ ގުޅިގެން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ އިސްލާމްދީނާ ހިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ.
އަދި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ އަޅުގަނޑުމެންގެ މި މުޖުތަމަޢު އަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަމާތޯ “ ރައީސް ވިދާޅުވެފައިވެއެވެ.



